Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ކެޓްރީނާ އާއި ގޯރީ ޕްރޮޖެކްޓެއްގައި

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފާއި ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ހާން ގުޅިގެން އިންޓީރިއާ ޑިޒައިން ޕްރޮޖެކްޓަކަށް މަސައްކަތްކުރަން ފަށައިފި އެވެ.

ގޯރީއާ ގުޅިގެން މަސައްކަތެއްކުރަން އުޅޭ ވާހަކަ މި މަހުގެ 4 ގައި ކެޓްރީނާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭރު އޭނަ ބުނެފައި ވަނީ ހާއްސަ ކަމެއް ވާން އުޅޭ ކަމަށެވެ. އިއްޔެ ގޯރީ ވަނީ ކެޓްރީނާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ ރީތި އަދި ކާމިޔާބު ބަތަލާ އަކީ އިންޓީރިއާ ޑިޒައިންގެ ހުނަރު ވެސް ހުރި މީހެއް ކަމަށް ބުނެފަ އެވެ. އަދި އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ޕްރޮޖެކްޓަކީ ކޮބައިކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ގޯރީ ބުންޏެވެ.

ތިން ކުދިންގެ މަންމަ އަކީ މުމްބާއީގައި ލަގްޒަރީ އިންޓީރިއާ ޑިޒައިން ސްޓޫޑިއޯއެއް ވެސް ހިންގަމުން އަންނަ އެ ދާއިރާގެ ނުފޫޒު ގަދަ މީހެކެވެ. އެގޮތުން ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި އަމިއްލަ މީސްމީހުންގެ ގެތަކާއި އޮފީސްތަކުގެ އިންޓީރިއާ ވެސް ގޯރީ، 51، މިހާތަނަށް ހަދާފައިވެ އެވެ. ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންގެ ގޭގެ އިންޓީރިއާ ވެސް އޭނަ ހަދާފައިވެ އެވެ.

ކެޓްރީނާ އާއި ގޯރީއާ އެކީގައި ޕްރޮޖެކްޓަކަށް މަސައްކަތްކުރާ އިރު، 39 އަހަރުގެ ބަތަލާ ޝާހްރުކާ އެކީ ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2012 ގެ "ޖަބް ތަކް ހެ ޖާން" އާއި 2018 ގެ "ޒީރޯ" އެވެ.

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކްގެ "ދުންކީ" ގެ ރޯލަކުން ކެޓްރީނާގެ ފިރިމީހާ ވިކީ ކޯޝަލް ވެސް ފެންނާނެ އެވެ.