Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

25 އަހަރު ފަހުން ޑެޕް ޑައިރެކްޝަނަށް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަން ނިންމައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި 25 އަހަރު ފަހުން 59 އަހަރުގެ އެކްޓަރު ޑައިރެކްޝަނަށް ނުކުންނަނީ ބައޮޮގަރްފިކަލް ޑްރާމާ "މޮޑަގްލިއާނީ" އިންނެވެ. މިއީ އިޓަލީގެ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ އެމީޑިއޯ މޮޑަގްލިއާނީގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

ފިލްމުގެ ޑައިރެކްޝަނާ ޑެޕް ހަވާލުވި އިރު، މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު އަލް ޕަޗީނޯގެ އިތުރުން ބެރީ ނަވީޑީ ވެސް ހިއްސާވެ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި "މޮޑަގްލިއާނީ" ހަދަން ނިންމާފައި ވަނީ 1920 ގައި މަރުވި ކުރެހުންތެރިޔާއާ ބެހޭ ގޮތުން ޑެނިސް މެކްއިންޓީ ލިޔެފައިވާ ޕްލޭއެއް އަސްލަކަށް ބަލައިގެންނެވެ. އެގޮތުން ފިލްމުގެ ސްކްރީންޕްލެއާ ހަވާލުވެފައި ވަނީ ޖާޒީ އާއި މޭރީ ކްރޮމޮލޯސްކީ އެވެ.

ފިލްމާ ބެހޭ ޑެޕް ބުނީ ކުރެހުމުގެ ދުނިޔޭގެ ވަރުގަދަ ޝަހުއްސިތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ޑައިރެކްޓްކުރަން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށާއި އޭނަގެ މި ފިލްމު ކުރެހުންތެރިޔާގެ ދުނިޔެ އަށް ބެލުންތެރިން ވަރަށް ފުރިހަމަ އަށް ގެންގޮސްދޭނެ ކަމަށެވެ. ނަމަވެސް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ޑެޕްގެ އާ ޑައިރެކްޝަންގެ ޓައިޓްލް ރޯލު ކުޅޭނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.

ޑެޕްގެ ފުރަތަމަ ޑައިރެކްޝަނަކީ އޭނަ ސްކްރީންޕްލޭގައި ވެސް ހިއްސާވި 1997 ގެ "ދަ ބްރޭވް" އެވެ.

ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑް އަށް ގެވެށިއަނިޔާކުރިކަމުގެ ތުހުމަތުތަކާ އެކި ފިލްމީ ކެރިއަރަށް ލޮޅުން އެރި ހުނަރުވެރި އެކްޓަރު މިހާރު އަންނަނީ ގިނަ ދުވަސްތަކެއް ފަހުން ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ ފްރާންސްގެ ފިލްމެއް ކަމަށްވާ "ޖިއާން ޑޫ ބެރީ" އެވެ. މިދިޔަ ހަފުތާގައި ޑެޕްގެ ފަސްޓްލުކް ވެސް ދައްކައިލި އެ ފިލްމު ރިލިޒްކުރާނީ އަންނަ އަހަރު އެވެ.

ޑެޕް އެންމެ ފަހުން ފެނިފައި ވަނީ އޭނާ ޕްރޮޑިއުސް ވެސް ކޮށް، ކުޅުނު 2020 ގެ "މިނަމާޓާ" އިންނެވެ.