Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހާރިޖިއްޔާ މިހާރު އޮތީ ރަސްކަމެއް ގޮތަށް

ރާއްޖޭގެ ހާރިޖީ ދާއިރާގެ މަސައްކަތްތައް މިހާރު ރޭވިފައި އޮތް ގޮތުން ސަރުކާރުގެ ބޮޑުންނާއި ގާތް މީސްމީހުންނާއި ނުފޫޒު ގަދަ މީސްމީހުންގެ ދަރިންނަށް ވަޒީފާތައް ދީ، ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެކިއެކި މިޝަންތަކުގައި މާ ބޮޑު މަސްއޫލިއްޔަތެއް ނެތި އެކަމަޖު ބޮޑު މުސާރަ ލިބޭ ގޮތެއް ގެންގުޅޭތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަމަށް ވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި އެކަން އެގޮތަށް ހިނގަމުންދާތީ ރާއްޖޭގެ ހާރިޖިއްޔާ ސިފަކުރެއްވީ "ރަސްކަމެއް" ގޮތަށެވެ.

"ރައްޓެހިންނާއި ބޭފުޅުން ރާއްޖޭން ބޭރުގައި ލަގްޒަރީ ދިރިއުޅުންތަކުގެ ރުކުން ހަމަކުރަމުން ދައުލަތަށް ބޭނުން ނުވާ މަގާމުތައް އުފައްދައި އިސްރާފުކުރަމުން ދޭ." ޝަހީމް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިފަދަ ކަންކަމާ ބެހޭ ގޮތުން އެއްޗެއް ބުނާނެ އަދި ބުނަން ކެރޭ މީހެއް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަކު ވެސް ނެތް ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ނިކަމެތިން ލޯން ލަގައިގެން އެ މީހުން ދަރިން އިންޓަނޭޝަނަލް ރިލޭޝަނާއި ޑިޕްލޮމެސީ ދާއިރާ އިން ބީއޭ/އެމްއޭ/ޕީއެޗްޑީ އަށް ކިޔަވައި ދިނީމަ ވެސް ވަޒީފާއެއް ނުލިބޭ ކަމަށެވެ.

"ނަމަވެސް ރައްޓެހިންނާއު ރަސްމަތިފުޅު ގޮފިތައް ދުވަހަކު ސަރުކާރުގައި އަދި ކަމާ ގުޅޭ ދާއިރާއެއްގައި އުޅެފައި ނެތަސް ވަޒީފާ ލިބޭ،" އޭނާ ވިދާޅުވ އެވެ. "[އެހެންވީމަ މިހާރު މިއޮތް] ހާރިޖީ ރަސްކަން ނިންމަން ޖެހޭ."