Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ރިޓަޔަރ ކުރުމުންވެސް ޒަކަރިއްޔާ އަށް މަހަކު 51،000ރ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް މަހަކު 51،000 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭކަން ހާމަވެއްޖެއެވެ.

މި މައުލޫމާތުތައް އާންމުކޮށްފައިވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުގެ ގާނޫނުގެ ދަށުން، އެފަދަ މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފެވެ.

އާންމު ކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން ޒަކަރިއްޔާ މަންސޫރު އެމްއެންޑީއެފްގެ ބްރިގޭޑީއަރ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު މުސާރައާއި އިނާޔަތުގެގޮތުގައި މަހަކު ޖުމުލަ 57،032 ރުފިޔާ ލިބެއެވެ. އެއީ އަސާސީ މުސާރައިގެގޮތުގައި ލިބޭ 27،240 ރުފިޔާ، ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭ 4500 ރުފިޔާ، ސަރވިސް އެލަވަންސް އިންކްރިމެންޓްގެ ގޮތުގައި ލިބޭ 2500 ރުފިޔާ، ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި ލިބޭ 10،896 ރުފިޔާ، ފަންނީ އެލަވަންސްގެ ގޮތުގައި 4086 ރުފިޔާ، ލޯންގ ސަރވިސް އެލަވަންސްގެ ގޮތުގައި 6810 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 1000 ރުފިޔާއެވެ.

މީގެއިތުރުން ބްރިގޭޑިއަރ ޖެނެރަލްގެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން އެއްފަހަރާ ގަނޑުކޮށް 1،007،880 ރުފިޔާ ދީފައިވެއެވެ. އަދި ރިޓަޔަރ ކުރެއްވުމާ ގުޅިގެން ކޮންމެ މަހަކު 20،430 ރުފިޔާވެސް ލިބެއެވެ.

މައުލޫމާތުތަކުގައިވާގޮތުން ޒަކަރިއްޔާ މަންސޫރު ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވުމުން މުސާރައިގެ ގޮތުގައި މަހަކު ޖުމުލަ 31،300 ރުފިޔާ ލިބެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 18،000 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 800 ރުފިޔާއެވެ.

އެހެންކަމުން މިހާރުވެސް މަގާމުގެ މުސާރައާއި ރިޓަޔަރ ވުމުން ކޮންމެ މަހަކު ލިބޭ އިނާޔަތާއެކު ޖުމުލަ 51،730 ރުފިޔާ ލިބެއެވެ.

37 އަހަރުގެ ޚިދުމަތަށް ފަހު ޒަކަރިއްޔާ މަންސޫރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވަނީ 2021 ޑިސެމްބަރު 9 ވަނަ ދުވަހުއެވެ.

ޒަކަރިއްޔާ މަންޞޫރުވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ.

ކޯސްޓްގާޑުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ފުރުއްވި މަޤާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަޤާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކޯސްޓްގާޑްގައި ފުރުއްވި މަޤާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަޤާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަޤާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަރމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެއެވެ.