Last Updated: April 26, 23:00
Friday, April 26, 2024
މުނިފޫހިފިލުވުން

ރިތިކް ލަވަ ވެސް ކިޔޭނެކަން ދައްކާލައިފި

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އޭނަގެ މުޅިން އާ ހުނަރެއް ފޭނުންނަށް ދައްކާލައިފި އެވެ.

އެކްޓިން އާއި ނެށުމަށް ވެސް މޮޅު 48 އަހަރުގެ އެކްޓަރު މި ފަހަރު ދައްކައިލީ ލަވަކިޔުމުގެ ހުނަރެވެ. ހޯމަ ދުވަހު ފާހަގަކުރި އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާ ވެސް ގުޅުވައިގެން ރިތިކް އިއްޔެ އާންމުކުރި ލަވަ އަކީ އިންޑިއާގެ މަޝްހޫރު ވަތަނީ ލަވަ "ވަންދޭ މާތަރަން" އެވެ.

އޭނަގެ އަޑުން ރެކޯޑްކޮށް މި ލަވަ، ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ވީޑިއޯ ލަވައެއްގެ ގޮތުގަ އެވެ. ލަވަ އިންސްޓަގްރާމްގައި ހިއްސާކޮށް ރިތިކް ވަނީ ހެޑްފޯނާ އެކީ ލަވަ އަޑުއަހަން ވެސް އެދިފަ އެވެ. މި މަސައްކަތާ ބެހޭ ގޮތުން އޭނާ ބުނީ އެންމެ ފަހުން ލަވައެއް ވެސް ކިއެއްޖެ ކަމަށާއި ފޭނުންނަށް ލަވަކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ލަވައެއް ރެކޯޑްކުރަން ހިތްވަރަކަށްވީ އެކީގައިި 2019 ގެ ފިލްމު "ވޯ" ކުޅުނު ކުޅުނު ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ ސަބަބުން ކަމަށް ބުނެ، ޕޯސްޓްގައި ޓައިގާ ޓެގްކޮށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޓައިގާ ވެސް "ވަންދޭ މާތަރަމް" އޭނަގެ އަޑުން ރެކޯޑްކޮށް އާންމުކުރި އެވެ. ޓައިގާ އަކީ އޭނަ ކިޔާފައިވާ އެހެން ދެ ލަވައެއްގެ ވީޑިއޯ ވެސް ނެރެފައިވާ ތަރިއެކެވެ.

ބެލުންތެރިންނަށް ރިތިކްގެ މުޅިން އާ ހުނަރެއް ދައްކާލި އިރު، ރިޕޯޓްތައް ބުނާ ގޮތުން އޭނަގެ ސުޕަހީރޯ ފިލްމު ސީރީޒް "ކްރިޝް" ގެ ހަތަރު ވަނަ ބަޔަށް އަމިއްލަ އަޑުން ލަވަތަކެއް ރެކޯޑްކުރަން ވެސް ހަމަޖެހިފައިވެ އެވެ. އެފަދަ އިޝާރާތެއް މިދިޔަ އަހަރު ރިތިކްގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ވެސް ދީފައިވެ އެވެ.

އަންނަ މަހުގެ 30 ގައި ރިތިކްގެ "ވިކްރަމް ވޭދާ" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނާ ވަރަށް އަވަހަށް ދީޕިކާ ޕަދްކޯނާ އެކީ ކުޅޭ ފިލްމު "ފައިޓާ" ގެ ޝޫޓިން ވެސް ފަށާނެ އެވެ.