Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ކައުންސިލަރުން ސަލާންޖަހަން މާލެ އަންނާތީ ލަދުގަނޭ

އަތޮޅުތަކުގެ ކައުންސިލަރުން މާލެ އަށް ސަލާންޖަހަން އަންނާތީ ލަދުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އަތޮޅުތަކުގެ ކައުންސިލަރުން މާލެ އަށް ސަލާންޖަހަން އަންނާތީ ލަދުން ފިއްކަނޑައިގެންދާ ކަމަށާއި އެމަނިކުފާނު 18 އަހަރު ޓިނު ގޮޅިއެއްގައި އަދި އަނދަގޮނޑި ޖަހާފައި ވެސް އޮންނެވީ އެ މަންޒަރު ދެކެން ބޭނުން ނުވާތީ ކަމަށެވެ.

"އަނެއްކާވެސް މިއަދު އައިސް ބަލާލާފައި މާފަށުވި އިބާރާތުން ތި ވިދާޅުވަނީ ނޫނެކޭ ނާނާއޭ މިއީ މާ ރަނގަޅު ގޮތެކޭ. އެހެން ނެތް ފަރުޖެއްސޭކަށް. ނިޒާމީ މައްސަލަ މިއަދު ހައްލުކުރަން ޖެހޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން އެދޭ ތަރައްގީއާ ކުރިއެރުން ލިބޭނީ ރަނގަޅު މީހެއް ވެރިކަމުގައި ހުރެގެން ނޫން ކަމަށާއި އެކަން ހާސިލުކުރެވޭނީ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ރަނގަޅު ގޮތް ނޫން ގޮތް ނުހެދޭނެ ގޮތެއް ހޯދުން އެމްޑީޕީން ހުއްޓާލައިގެން ނުވާނެ ކަމަށާއި އެމްޑީޕީ އެކުލަވާލީ ވެސް އެ މަސައްކަތް ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި ނަމަވެސް ރައްޔިތުންނާ އެކީގައި ނޫނީ ވެރިކަމުގައި އެމްޑީޕީ އަށް ވެރިކަމުގައި ނުތިބެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ހަމައެކަނި ވޯޓްލާ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަށް ވޯޓުލުމަށްފަހުގައި ފަސް އަހަރު ވަންދެން ޓީވީން ނޫން ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ނުފެނޭ. އަދި ރައީސުލްޖުމްހޫރިއްޔާއާ ރައްޔިތަކަށް ގުޅޭނެ، މުއާމަލާތް ކުރެވޭނެ އެއްވެސް ނިޒާމެއް ރިޔާސީ ނިޒާމުގައި ނޯންނާނެ." ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން މާދަމާ އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފަ އެވެ.