Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ޕްރެސްއެއް ހަވީރު

މިރޭ ފަށަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން ހަވީރު ނޫސް ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ އެ ޕްރެސް އޮންނާނީ ހަވީރު 4:15 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ. އެތަނަކީ ކޮންގްރެސް ވެސް ބާއްވަން ހަމަޖެހިފައި އޮތް ތަނެވެ.

މިރޭ ކޮންގްރެސްގެ ފެށުމުގެ ތައްޔާރީތައް ވެފައި ވަނިކޮށް އެ ފަސްކޮށްދޭން އެދި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް އިއްޔެ ސިޓީއަކުން އެދިވަޑައިގެންފައިވެ އެވެ. އޭގައި ބުނެފައި ވަނީ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވައިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އާޒިމްގެ ސިޓީގައި އެކަމާ ކަންބޮޑުވުން ފާޅުކޮށް ވިދާޅުވެފައި އޮތީ ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިނު ވާތީ، އެ ފަރާތްތައް ކޮންގްރެސްގައި ބައިވެރިވެއްޖަ ނަމަ، އޭގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުގެ ޖާގަ އޮންނާނެ ކަމަށެވެ.

އެހެންވެ ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށް ދިނުމަށް ކޮންގްރެސް ފަސްކުރަން އެދިވަޑައިގެންފައިވެ އެވެ.

ނަމަވެސް އިއްޔެ ހަވީރު އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށް ފަހު ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.