Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ޗެލްސީ އަތުން ލީޑްސް އަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅެ ލީޑްސް ޔުނައިޓެޑުން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މިއީ ލީގުގައި މި ދެ ޓީމުން ވެސް ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، ޗެލްސީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗު ވަނީ އެއްވަރުވެފަ އެވެ. ލީޑްސް ވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވިއިރު ދެވަނަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއަދުގެ މެޗަކީ 2002 ވަނަ އަހަރަށްފަހު ލީޑްސް އަތުން ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ.

މި މެޗުގައި ލީޑްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރެންޑަން އާރޮންސަން އެވެ. އާރޮންސަން މި ގޯލް ކާމިޔާބު ކުރީ ޗެލްސީގެ ކީޕަރުު އެޑުއާޑް މެންޑީ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

އޭގެ ހަތް މިނެޓްފަހުން ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ރޮޑްރިގޯ މޮރޭނޯ ވަނީ ލީޑްސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާގެ ފަރަގު ކުޑަކޮށްލަން ޗެލްސީގެ މާކް ކުކުރެލާ އަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީން ލީޑްސްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި ޖެކް ހެރިސަން ވަނީ ލީޑްސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

ޗެލްސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗު އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ މެޗުގެ 84 ވަނަ މިނެޓްގައި ލީޑްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ޗެލްސީގެ ޑިފެންޑަރު ކުލިބާލީ އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުންނެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ. ލީޑްސް ނިކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.