Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ލެވެންޑޯސްކީގެ ދެ ގޯލުން ބާސާ މޮޅުވެއްޖެ

ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ދެ ގޯލާ އެކު ބާސެލޯނާ އިން ސްޕެނީޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 4-1 އިން މޮޅުވެއްޖެ އެވެ.

މިއީ ލީގުގައި ބާސާ އިން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ ރަޔޯ ވަޔެކާނޯއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ރޭގެ މެޗު ފެށިގެން 47 ސިކުންތުގެ ތެރޭގައި ލެވެންޑޯސްކީ ވަނީ ބާސާ އަށް ލީޑު ނަގާދީފަ އެވެ. ލެވެންޑޯސްކީ މި ގޯލް ކާމިޔާބުކުރީ ބަލްޑޭ ނަގައިދިން ހުރަހެއް އެއް ފަހަރުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އިއްޔެ އަކީ ލެވެންޑޯސްކީގެ 34 ވަނަ އުފަންދުވަސް ވެސް މެ އެވެ.

ބާސާ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ހަ މިނެޓަށެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓްގައި ސޮސިއެޑާޑަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ސްވިޑެންގެ ފޯވާޑް އިސާކް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސޮސިއެޑާޑުން ބާސާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ބާސާ އަށް ލީޑުނަގައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. މެޗުގެ 66 ވަނަ މިނެޓްގައި ޑެމްބެލޭ މި ގޯލް ކާމިޔާބުކުރީ ސޮސިއެޑާޑްގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި އޭގެ ދެ މިނެޓްފަހުން އަންސޫ ފާޓީ ދިން ރީތި ޕާހަކުން ލެވެންޑޯސްކީ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ލެވެންޑޯސްކީގެ ޕާހަކުން ބާސާގެ ހަތަރުވަނަ ގޯލް މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަންސޫ ފާޓީ އެވެ.

ބާސާ ރޭ މޮޅުވިއިރު އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް ވަނީ ވިޔަރެއާލް އަތުން 2-0 އިން ބަލިވެފަ އެވެ.