Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

އައްޑޫ ބިން ހިއްކަން ފަށާނީ މާޗްގައި: ސޯބެ

އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ފަރާތުން އައްޑޫގައި ހުންނަވާ ސްޓޭޓް މިނިސްޓަރު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ޕީއެސްއެމަށް ވިދާޅުވީ ބިން ހިއްކަން ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ވެލި ނަގާނެ ސަރަހައްދުތައް ސާވޭކުރުމުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައިކޮށް، އެކަން މި މަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ވެން އޫޑްއާ އެވެ. އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ މި އަހަރުގެ މާޗް މަހުގެ 27 ގަ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރެއްހާ ދުވަސް ފަހުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާ ގޮތަށް މިހާރު ރޭވިފައި އޮތް، މިކަމަށް އަދިވެސް އެންވަޔަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދައެއް ނުދެ އެވެ. އެތަނުން ދާދި ފަހުން ބުނެފައިވާ ގޮތުން ބިން ހިއްކުމާ ގުޅޭ ގޮތުން ހަދާފައިވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަށް ހުއްދަ ދިނުން ލަސްވަނީ މި މަޝްރޫއުގެ ސަބަބުން ވެއްޓަށް ލިބިދާނެ ގެއްލުންތަކެއް ހުރުމާ އެކީ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރިިއަށްދާތީ އެވެ.

ސޯބެ ވެސް ވިދާޅުވި ގޮތުގައި އީއައިއޭއާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.

އޭނާ ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗް މަހު ފަށާ ގޮތަށް ތާވަލުކޮށްފައިވާ އިރު ވެން އޫޑް ކުންފުނިން އައްޑު އަށް މޮބިލައިޒްވާން ފަށާނެ ކަމަށެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ކުންފުނީގެ ބައެއް ތަކެތި އައްޑު އަށް ގެނެސްފައިވެ އެވެ.

"މިހާރު ވެސް އެމީހުންގެ ބައެއް އެބަ އުޅޭ. އެ މީހުންގެ އޮފީސް ތައްޔާރު ކުރެވި، މަސައްކަތައް ބޭނުންވާ ތަންތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ސޯބެ ވިދާޅުވި އެވެ. އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެން ދާނެ. އީއައިއޭ އެޕްރޫވްވުމާ އެކީ އެ ސަރަހައްދުތަކުގެ އިން ވަކިކޮށް އެ މީހުންގެ ބައުންޑަރީތަކުގައި ބޯލްޑަ ޖެއްސުމުގެ މަސައްކަތް ވެސް ފެށޭނެ. ބިން ހިއްކާނީ ވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ބޮޑަށް ކުޑަވާ ގޮތަށް."

އޭނާ ވިދާޅުވީ އަމަލީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާތާ 12 ހަފުތާ ތެރޭގައި މަސައްކަތް ނިންމައިލަން ރޭވިފައިވާ ކަމަށެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބިން ހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑު އަށް އޮތް ބިމުގެ ދަތިކަން ކުރިއަށް 50 އަހަރަށް ހައްލުވާނެ އެވެ. މި މަޝްރޫއާ ގުޅޭ ގޮތުން މިދިޔަ މަހު ވެން އޫޑްގެ އޮފިޝަލުންތަކެއް ކައުންސިލާ ވެސް ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފައިވެ އެވެ.