Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އައްޑޫގައި ޓީޓީ ފުޅާކުރަނީ

އައްޑޫގައި ޓޭބަލް ޓެނިސް ފުޅާކުރުމަށްޓަކައި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކައުންސިލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ނައިބު ރައީސް އަދި ކުރީގެ ޓީޓީ ތަރި އިބްރާހިމް ޝިއުރީ އެވެ.

ކައުންސިލުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ޔޫތު ސެންޓަރުތަކުގައި ޓީޓީ ކުޅެވޭނެ އިންތިޒާމުތަކާއި އެކަމަށް ހާއްސަ ވަސީލަތްތައް ވެސް ހަމަޖައްސާނެ އެވެ. އެގޮތުންޔޫތު ސެންޓަރުތަކުގައި ހުރި ޓީޓީ ކުޅޭ ތަކެތި އައުކުރުމާއި ދާއިމީކޮށް ޓީޓީގެ ކޯޗަކު އައްޑޫގައި ބެހެއްޓުމުގެ އިތުރުން ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހިންގުން ފަދަ ކަންކަން ކުރެވޭނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި މީގެ ސަބަބުން އައްޑޫގެ ޓީޓީ ކުޅުންތެރިންނަށް ގައުމީ އަދި ބައިނަލްއަގަވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެ އެވެ.

ކައުންސިލާއި ޓީޓީ އެސޯސިއޭޝަނާ ދެމެދު އެމްއޯޔޫއެއް ހެދި އިރު، މި އަހަރުގެ ޓީޓީ ދުވަސް އެޕްރީލް 7 ގައި އައްޑޫގައި ކުލަގަދަކޮށް ފާހަގަ ވެސް ކޮށްފައިވެ އެވެ. އެއީ ކައުންސިލާއި އެސޯސިއޭޝަން ގުޅިގެންނެވެ.

ހިތަދޫ ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) އިން އިންތިޒާމުކޮށްގެން ޖޫން މަހު އައްޑޫގައި "ޓޭބަލް ޓެނިސް ޓޯނަމަންޓް 2022" ގެ ނަމުގައި ޓީޓީ މުބާރާތެއް ވެސް ބާއްވާފައިވެ އެވެ.

އެ މުބާރާތާ ބެހޭ ގޮތުން އެޗްސީސީގެ ސްޕޯޓްސް ސުޕަވައިޒަރު ޝައްމޫން ލަބީބް "އައްޑޫ ލައިވް" އަށް ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުން ވެސް ވަރަށް އަވަހަށް އައްޑޫގައި ޓީޓީއާ ގުޅުން ހުރި ތަފާތު ޕްރޮގްރާމްތަކެއް ފަށާނެ ކަމަށެވެ. އެހެންވެ އެ ފަހަރުގެ މި މުބާރާތަކީ ޓީޓީގެ ފޯރި އައްޑޫގައި ގަދަކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.