Last Updated: March 28, 13:45
Thursday, March 28, 2024
ޚަބަރު

ދީމާގެ ކާމިޔާބީ ކައުންސިލުން ފާހަގަކޮށްފި

ދާދި ފަހުން ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑައިރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމް ލޯ މެޑަލް ހޯދައި ރާއްޖެ އަށް ރީތި ނަން ހޯދައި ދީފައިވާތީ ޓީޓީގެ ތަރި ފާތުމަތު ދީމާ އަލީގެ ކާމިޔާބީ އައްޑޫ ސިޓީ ކައުންސިލުން ފާހަގަކޮށްފި އެވެ.

ދީމާ، 13، އަކީ އައްޑު އަށް ނިސްބަތްވާ އަދި މި ވަގުތު ރާއްޖޭގެ ޓީޓީ ކުޅުންތެރިންގެ ތެރެއިން އެންމެ ވިދުން ގަދަ އެއް ތަރި އެވެ. އޭނަގެ ކާމިޔާބީ ފާހަގަކޮށް، ޓީޓީގައި ދައްކަމުން އަންނަ ހިތްވަރާއި އެ ކުޅިވަރުން ރާއްޖެ އަށް ތަކުރާރުކޮށް ދީމާ ހޯދައި ދެމުން އަންނަ ކާމިޔާބީތަކުގ އަގުވަޒަން ކުރަން އައްޑޫ ސިޓީ ކައުންސިލުން މިއަދު ކައުންސިލްގެ އިދާރާގައި ހާއްސަ ރަސްމިއްތާޔެއް ބޭއްވި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެ އިވެންޓްގައި މޭޔަރު އަލީ ނިޒާރު ވަނީ ދީމާ އަށް ހިތްވަރު ދެއްވައި ޓީޓީން ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ކާމިޔާބީ އާއި ޝަރަފު ރާއްޖެ އަށް ހޯދައި ދިނުމުގައި ސާބިތުވެ ހުރުމަށް އެދިވަޑައިގެންފަ އެވެ،

ކައުންސިލުން ފާހަގަކުރި ގޮތުގައި އިސްލާމިކް ސޮލިޑައިރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމް ހޯދި ކާމިޔާބީގައި ދީމާ ފަދަ އައްޑޫގެ ހުނަރުވެރި ކުއްޖަކު ހިމެނުމަކީ އައްޑު އަށް ލިބޭ ވަރަށް ބޮޑު ޝަފަރެކެވެ. މިއަދުގެ އިވެންޓްގައި ކައުންސިލުން ދީމާ އަށް ސެޓްފިކެޓަކާއި ހާއްސަ ހަދިޔާއެއް ވެސް ދިނެވެ.

އެ މުބާރާތުގެ ސެމީގެ އިރާން އަތުން ބަލިވެ، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނަސް އެ ޓީމް ވަނީ މުބާރުގެ ތެރޭގައި ހުނަރުވެރި ކުޅުމެއް ދައްކައިފަ އެވެ. ލޯ މެޑަލް އަކީ އޭގެ ނަތީޖާ އެވެ. ދީމާގެ އިތުރުން އަންހެން ޓީމްގައި ހިމެނުނު އެހެން ކުޅުންތެރިންނަކީ ފާތިމަތު ޖުމާނާ ނިމާލު، އައިޝަތު ރަފާ ނާޒިމް، ފާތިމާތު ދީމާ އަލީ އަދި މަލާކު މުއިއްޒެވެ.

ދީމާގެ ކާމިޔާބީ އައްޑޫ ކައުންސިލުން ފާހަގަކުރި އިރު، 2019 ގައި މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ޓީޓީން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްގެން ވެސް އޭރުގެ ކައުންސިލުން ދީމާގެ ކާމިޔާބީ އާއި އަގުވަޒަންކޮށްފައިވެ އެވެ.