ކުރިން މޮބައިލް ފޯނު ބްރޭންޑެއްގެ ގޮތުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ބްލެކްބެރީ ފޯނުގެ އެރުމާއި ވެއްޓުމަށް ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
"ބްލެކްބެރީ" ގެ ނަން ދީފައިވާ މި ފިލްމަކީ ބްލެކްބެރީއާ ބެހޭ ގޮތުން ޖެކީ މިކްނިޝް އާއި ޝޯން ސިލްކޮފް ލިޔެފައިވާ "ލޫޒިން ދަ ސިގްނަލް: ދި އަންޓޯލްޑް ސްޓޯރީ ބިހައިންޑް ދަ އެކްސްޓްރާއޯޑިނަރީ ރައިޒް އެންޑް ސްޕެކްޓަކިއުލާ ފޯލް އޮފް ބްލެކްބެރީ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މިހާރު ޝޫޓިން ވެސް ނިންމާފައިވާ "ބްލެކްބެރީ" ގެ ޑައިރެކްޓަރަކީ "އޮޕަރޭޝަން އެވަންލަންޗް" އާއި "ދަ ޑާޓީސް" ފަދަ ފިލްމުތައް ގެނެސްދިން ކެނެޑާ އަށް އުފަން އެމެރިކާގެ މެޓް ޖޯންސަނެވެ.
"ބްލެކްބެރީ" ގެ ކާސްޓްގައި ގްލެން ހޮވަޓަން، ޖޭ ބަރޫޗެލް، މާޓިން ޑޮނޯވެން، ކެރީ އެލްވެސް، މައިކަން އަޔަންސައިޑް، ސައުލް ރުބީނެކް އަދި ރިޗް ސޮމާ ހިމެނެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމަށް އަންނަ މަހު ފަށާ މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޑިސްޓްރިއުޓަކު ހޯދަން މަސައްކަތްކުރާނެ އެވެ. އަދި މާ ލަސްތަކެއް ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އެވެ. ނަމަވެސް "ބްލެކްބެރީ" ރިލީޒްކުރާނެ ތާރީހަކާ ބެހޭ ގޮތުން މި ވަގުތު ވަކި ގޮތެއް ނުނިންމަ އެވެ.
ބްލެކްބެރީ ފޯނުގެ އެރުމާއި ވެއްޓުމަށް ބިނާކޮށް ފިލްމެއް ގެނެސްދޭން ތައްޔާރުވާ އިރު، އެ ބްރޭންޑަކީ މޮބައިލް ފޯނު އެންމެ ބޮޑަށް އާންމުވެގެން އައި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ބްރޭންޑެކެވެ. ނަމަވެސް ފަހުން ސެމްސަންގް އާއި އެޕަލްގެ އައިފޯން ފަދަ ބްރޭންޑްތައް ތައާރަފުވުމާ އެކު، ބްލެކްބެރީގެ މަގުބޫލުކަން ދަށްވެއް، ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނެވެ.
ކެނެޑާގެ ބްލެކްބެރީން އެ ބްރޭންޑް "ކަފުންކޮށް ވަޅުލީ" މި އަހަރުގެ ޖެނުއަރީ 4 ގަ އެވެ.