މިސްކިތްތަކުގައި ނަމާދުކުރާ އިރު، ބޭރަށް އަަޑު ނީވޭ ގޮތަށް ނަމާދުތައް ކުރަން އިމާމުންނަށް އަންގަން ފަށައިފި އެވެ.
ބައެއް މީޑިއާތަކަށް އިމާމުން ބުނެފައިވާ ގޮތުގައި އެގޮތަށް އަންގާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ ސާކިއުލާއަކުންނެވެ.
މިކަމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަބްދުލްއަޒީޒް އިސްމާއީލް "ދިޔަރެސް" ނޫހަށް ވިދާޅުވެފައި ވަނީ ނަމާދުކުރާ އަޑު މިސްކިތްތަކުން ބޭރަށް ނީވޭ ގޮތަށް އަމަލުކުރަން އަންގައި ސާކިއުލާއެއް ފޮނުވާފައި ނުވާނެ ކަމަމަށެވެ. ނަމަވެސް ނަމާދު ގަޑިތަކުގައި މިސްކިތްތަކުން އަޑުގަދަވެގެން ޝަކުވާ ލިބޭތީ ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ނުޖެއްސުމަށް ކައުންސިލްތަކާ އެކު މަޝްވަރާކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"އާންމުކޮށް އަޅުގަނޑުމެންގެ ވިސްނުމަކީ ބޭރަށް އަޑުއިވޭ ގޮތަށް ބެހެއްޓުން، އެކަމަކު ބައެއް މިސްކިތްތައް މި ހުންނަނީ ގެތަކާ އިންވެފައި، މަތީގަ ލައުޑް ސްޕީކަރު ހުންނަ އިރު ގޭގައި ބައެއް ފަހަރު އެބަ ތިބޭ ކުޑަކުދިން ވެސް ނިދާފަ،" އަބްދުލްއަޒީޒް ވިދާޅުވި އެވެ. "އެހެންވީމަ ވަރަށް ބާރަށް އަޑު ހުންނާތީ އެ ފަރާތްތަކަށް ދަތިވާތީ ޝަކުވާކުރޭ."
އޭނާ ވިދާޅުވި ގޮތުގައި އަޑު ގަދަވެގެން ޝަކުވާތައް ލިބޭ ހާލަތްތަކުގައި، އަޑު މަޑުކުރަން ކުރިން ވެސް މަޝްވަރާތަކެއް ކުރެވިފައިވާނެ އެވެ.
"…އެ ވަރުން ވެސް ނުވާ ނަމަ ބައެއް ފަހަރު ހުންނާނެ ހަމަ ނަމާދު ކުރާ ގަޑީގައި ނަމާދުގެ އަޑު ބޭރުގައި ނުބަހައްޓަން ކައުންސިލާ އެކީގައި މަޝްވަރާ ކުރެވިފައި ވެސް." އަބްދުލްއަޒީޒް ވިދާޅުވި އެވެ.
ރާއްޖޭގައި އާންމުކޮށް ބަންގީގެ އަޑާ އެކު ނަމާދުކުރާ އަޑު ވެސް މިސްކިތްތަކުން ބޭރަށް އިވެ އެވެ. އަދި މިސްކިތްތަކުގައި ދަރުސްދޭ އިރު ވެސް ބޭރަށް އަޑުއިވޭ ގޮތަށް އަމަލުކުރަމުން އާދެ އެވެ.
ނަމަވެސް މިފަދަ ކަންކަމާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ހިސާބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން 2013 ގައި އައްޑޫގެ މިސްކިތްތަކުން ބަންގި އާއި ހުކުރު ހުތުބާ ފިޔަވައި، މިސްކިތްތަކުން ލައުޑްސްޕީކަރުން އެހެން އަޑެއް ބޭރަށް އިވޭ ގޮތަށް އަމަލުނުކުރަން އައްޑޫ ސިޓީ ކައުންސިލުން އިމާމުންނަށް އެންގި އެވެ. އެކަމާ ގުޅިގެން އޭރު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ކައުންސިލަށް ވެސް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.