އެޕަލްގެ އައިފޯން 14 އަންނަ މަހުގެ 7 ގައި ލޯންޗްކުރާ ގޮތަށް ނިންމައިފި އެވެ.
އަބަަދު ވެސް އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި އާ އުފެއްދުންތަކެއް ދައްކައިލާ ކުންފުނިން ބުނި ގޮތުގައި "ފާ އައުޓް" ގެ ނަމުގައި އަންނަ މަހުގެ 7 ގައި ބާއްވާ އިވެންޓް އޮންނާނީ އެމެރިކާގެ ކެލިފޯނިއާގެ ކަޕަޓީނޯގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގަ އެވެ. މި އިވެންޓް އެޕަލް އިން ލައިވްސްޓްރީމް ވެސް ކުރާނެ އެވެ.
މި އިވެންޓްގެ ވާހަކަ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ގްރެގް ޖޮސްވިއަކު ވީޑިއޯ ކްލިޕަކާ އެކީ ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.
Far out. September 7. #AppleEvent 💫 pic.twitter.com/bw5Lxf3eQ9
— Greg Joswiak (@gregjoz) August 24, 2022
ގިނަ ބަޔަކު އައިފޯން 14 އަށް އިންތިޒާރުކުރަމުން އަންނަ އިރު، އޭގެ ހަތަރު މޮޑެލްއެއް ނެރޭނެ ކަމަށް ބެލެވެ އެވެ. އެއީ 6.1 އިންޗީގެ އައިފޯން 14 އާއި 6.7 އިންޗީގެ އައިފޯން ޕްލަސް ނުވަތަ މެކްސް އާއި 6.1 އިންޗީގެ އައިފޯން 14 ޕްރޯގެ އިތުރުން 6.7 އިންޗީގެ އައިފޯން 14 ޕްރޯ މެކްސް އެވެ.
ޔަގީންވާ ކަމަކީ އައިފޯން 14 އާ އެކީ އެޕަލް އިން އަނެއްކާ ވެސް އާ ކަންތައްތަކެއް ސްމާޓްފޯނުގެ ތެރެއަށް ގެނެސްދޭނެ ކަމެވެ. ނަމަވެސް އެ ކުންފުންޏަކީ އެންމެ ފަހު ވަގުތު ނޫނީ އާ އުފެއްދުންތަކާ ބެހޭ އެއްވެސް ތަފުސީލެއް ނުދޭ ކުންފުންޏަކަށްވާތީ، އައިފޯން 14 އަކީ ކިހާ ވަރެއްގެ ބަދަލަކަށް ވާނެތޯ ބެލުމަކީ އައިފޯނަށް ލޯބިކުރާ މީހުން އެންމެ ބޮޑަށް އިންތިޒާރުކުރާ ކަންތަކަށް ވާނެ އެވެ.
"ފާ އައުޓް" ގައި އައިފޯންގެ އިތުރުން އެޕަލް ވޮޗްގެ އާ ސީރީސްތަކެއް ވެސް ލޯންޗްކުރާނެ އެވެ.