Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދާކަށް ނާންގަން

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު – ފޮޓޯ: ރައީސް އޮފީސް

މިސްކިިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އަންގާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިސްކިިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހަދަން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށާއި މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތް ހެދުމަކީ މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫން ކަމަށެވެ.

ނަމަވެސް އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތުކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ވަނީ މިސްކިތްތަކުގެ އަޑުމަޑުކުރުމާ ގުޅޭ ސާކިއުލާއެއް ވެސް ފަރާތަކަށް ފޮނުވާފައި ނުވާނެ ކަމަށާއި އަދި މީޑިއާގައި މިހާރު ފެތުރެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބުނެފަ އެވެ.