Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ބާސެލޯނާ އާއި ބަޔާން އެއް ގްރޫޕަކަށް

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ އާއި ބަޔާން މިއުނިކް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ބާސާ އާއި ބަޔާން ލައްވާލާފައިވަނީ ގްރޫޕް ސީ ގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ އިންޓަ މިލާނާއި ޕްލެޒެން އެވެ.

ބާސާ އާއި ބަޔާން އެއް ގްރޫޕަކަށް ލައްވާލިއިރު މީގެކުރިން އެތައް ފަހަރެއްގެ މަތިން މި ދެ ޓީމު ވަނީ މި މުބާރާތުގައި ބައްދަލުކޮށްފަ އެވެ. މި މި ދެ ޓީމު ބައްދަލުކުރާ މެޗުތައް މިފަހަރު އެންމެ ހާއްސަ ވާނީ ބަޔާންގެ ކުރީގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަށެވެ. އެގޮތުން މި ޓްރާންސްފާ މާކެޓުގައި ލެވެންޑޯސްކީ ވަނީ ބަޔާން ދޫކޮށް ބާސާ އަށް ބަދަލުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ އެހެން ގްރޫޕްތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑް ލައްވާލާފައިވަނީ ގްރޫޕް އެފް ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ރެޑްބުލް ލިޕްޒިގް، ޝަހްތަރް ޑޮނެޓްސްކް އަދި ސެލްޓިކް އެވެ.

އެންމެފަހުގެ ރަނަރަޕް ލިވަޕޫލް ލައްވާލާފައިވަނީ އަޔެކްސް، ނަޕޯލީ އަދި ރޭންޖާސްއާއެކު ގްރޫޕް އޭ ގަ އެވެ. ޕްރިމިއާ ލީގުގެެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ ލައްވާލީ ގްރޫޕް ޖީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބްރޫޝިއާ ޑޯޓްމަންޑް އާއި ސެވިއްޔާ އަދި ކޮޕެންހޭގަން އެވެ.

ހަތް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ އަދި އިޓާލިއަން ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އޭސީ މިލާން ލައްވާލީ ޗެލްސީ އާއި ސަލްޒްބާގް އަދި ޑައިނަމޯ ޒަގްރެބާއެކު ގްރޫޕް އީ ގަ އެވެ. އަދި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ ލައްވާލާފައިވަނީ ޔުވެންޓަސް އާއި ބެންފީކާ އަދި މަކަބީ ހައިފާއާއެކު ގްރޫޕް އެޗްގަ އެވެ.

މީގެއިތުރުން އެންމެފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ ފްރެންކްފާޓް ލައްވާލީ ގްރޫޕް ޑީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްޕޯޓިން ލިސްބަން އާއި ޓޮޓެންހަމް އަދި މާސޭ އެވެ.