Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނަގައިފި

ވިލިމާލެ ފަރަށް އެރި ފްލެޓްފޯމް މިހާރު ނަގާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނި ގޮތުގައި އިންޑިއާގެ އެފްކޮންސް އިން ހަދަން ފަށާފައިވާ ތިލަމާލެ ބްރިޖް މަސައްކަތުގައި ބޭނުންކުރަމުން އައި ޕްލެޓްފޯމް ފަރަށް އެރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުން ނެގީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރީ މި މަހުގެ 16 ގަ އެވެ.

އޭގެ ފަހުން އެ ނަގަން އެކި ފަހަރު މަތިން މަސައްކަތްކުރި ނަމަވެސް، އެފްކޮންސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ނެގުން ހުއްޓިފައި އޮތީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ކަމަށެވެ. އެ ކުންފުނިން އެގޮތަށް ބުނީ ދެ ދުވަހެއްގެ ތެރޭގައި ފްލެޓްފޯމް ނަގާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު ބުނެފައި ވަނިކޮށެވެ.

ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބުނީ ޕްލެޓްފޯމް ނެގުމުން ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެސަސްމަންޓެއް ހަދާނެ ކަމަށެވެ.