Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ބްރޫނޯގެ ގޯލުން ޔުނައިޓެޑް މޮޅުވެއްޖެ

ބްރޫނޯ ފެނާންޑޭސްގެ ގޯލުން ރަށުން ބޭރުގައި ސައުތްހެމްޓަންގެ މައްޗަށް 1-0 އިން މެންޗެސްޓާ ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.

މިއީ މިދިޔަ ފެބްރުއަރީ އަށްފަހު ލީގުގައި ޔުނައިޓެޑް ޖެހިޖެހިގެން ދެ މޮޅު ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ފެބްރުއަރީ އަށްފަހު ލީގުގައި ޔުނައިޓެޑުން ރަށުން ބޭރުގައި ކުޅެ މެޗަކުން މޮޅުވި ފުރަތަމަ ފަހަރުވެސް މެ އެވެ.

މިއަދުގެ މެޗުގައި ވެސް ޔުނައިޓެޑުން ނެރުނީ އެންމެފަހުން ލިވަޕޫލްގެ މައްޗަށް 2-1 އިން ކުރި ހޯދި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އެވެ. ނަމަވެސް އެ މެޗުގައި ފެނިގެންދިޔަ ފަދަ އަވަސް ކުޅުމެއް ޔުނައިޓެޑަށް މި މެޗުގައި ދެއްކިފައެއް ނުވެ އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ސައުތްހެމްޓަން އިން މި ހާފުގައި ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް މެޗުގެ 55 ވަނަ މިނެޓްގައި ބްރޫނޯ ވަނީ ސައުތްހެމްޓަންގެ ޑިފެންސް ފޫއަޅުވާލާ ޔުނައިޓެޑަށް ލީޑު ނަގާދީފަ އެވެ. ޔުނައިޓެޑްގެ ފުލްބެކް ޑަލޮޓް ނަގައިދިން ހުރަހަކުން މި ގޯލް ބްރޫނޯ ކާމިޔާބުކުރީ ސައުތްހެމްޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އެއް ފަހަރުން ފޮނުވާލި ހަމަލާއަކުންނެވެ.

ޔުނައިޓެޑުން ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް ސައުތްހެމްޓަންގެ މިޑްފީލްޑަރު އަރީބޯ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އެވެ.

ލީގުގައި ޔުނައިޓެޑުން ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ. ސައުތްހެމްޓަން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.