Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ބަތަލާ ފައުޒިއްޔާ މަރުވެއްޖެ

ރާއްޖޭގެ ދުވަސްވީ ބަތަލާ ފައުޒިއްޔާ ހަސަން މަރުވެއްޖެ އެވެ.

މިހާތަނަށް އެތައް ފިލްމަކާއި ޑްރާމާތަކެއް ވެސް ކުޅެފައިވާ ފައުޒިއްޔާ މަރުވީ މިއަދު ސްރީ ލަންކާގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.

ފައުޒިއްޔާ، 80، މަރުވި އިރު އޭނަ އަކީ "ދެރިޔާ" އުފެއްދި ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ. ޓެޑްރީ ދާދި ފަހުން ވަނީ ވަރަށް ދުވަސް ފަހުން ނަމަވެސް ފައުޒިއްޔާއާ އެކީ މަސައްކަތްކޮށްލަން ލިބުމަކީ އުންމީދެއް ފުރިހަމަވުން ކަމަށް ބުނެފަ އެވެ.

މީގެ 37 އަހަރު ކުރިން 1985 ގައި އެކްޓިން އަށް ނުކުތް ފައުޒިއްޔާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު ބައިސްކޯފުން ސްޓްރީމްކުރި މަދޮށިޕްގެ "ފަރީ" އެވެ. އޭނަ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ހައްދު"، "ވާ ލޯބި އެނގޭ ނަމަ"، "ދިން ވޭނުގެ ހިތާމައިގައި"، "ދޮންކަމަނަ"، "ލޯތްބަށްޓަކާ" އަދި "ޔޫސުފް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ފައުޒިއްޔާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ރޭޝަމް"، "ދޯޕައްޓާ"، "ހިނިތުންވެލާށޭ ކަލާ" އަދި "މަގޭ ހިތަކީ ހިތެއް ނޫންހޭ" ހިމެނެ އެވެ.