Last Updated: April 19, 21:23
Friday, April 19, 2024
ކުޅިވަރު

ސައުތުހެމްޓަނުން ޗެލްސީ ބަލިކޮށްފި

ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ސައުތުހެމްޓަން އިން 2-1 އިން ޗެލްސީ ބަލިކޮށްފި އެވެ.

މިއީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ރަށުން ބޭރުގައި ކުޅެ ޗެލްސީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މީގެކުރިން ޗެލްސީ ވަނީ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެފަ އެވެ.

ލީގުގައި ޗެލްސީން ފަސް މެޗު ކުޅެ ނިމިފައިވާއިރު އެޓީމު މިވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ. ސައުތްހެމްޓަން އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެޓީމު އޮތީ ޗެލްސީ އަށް ވުރެ ކުރީގައި ލީގުގެ ހަތްވަނައިގަ އެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މޭސަން މައުންޓް ދިން ޕާހަކުން މެޗުގެ 23 ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ޗެލްސީ އަށް ލީޑު ހިފަހައްޓާލެވުނީ އެންމެ ފަސް މިނެޓަށެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓްގައި ރޮމެއޯ ލަވިއާ ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްދިންއިރު އޭނާ މި ގޯލް ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ސައުތްހެމްޓަން އިން ރަނގަޅަށް ކުޅެމުންދިޔައިރު މެޗުގެ ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުތެރޭ އެޓީމުން ވަނީ ލީޑު ނަގާފަ އެވެ. ސައުތްހެމްޓަން އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް އާމްސްޓްރޯންގް އެވެ.

މެޗުގެ ދެވަނަ ހާފްގައި ސައުތްހެމްޓަން އަށް ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބުނުއިރު އެ ދެ ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ދެ ޑިފެންޑަރުން ކަމަށްވާ މާކް ކުކުރެލާ އާއި ތިއާގޯ ސިލްވާ އެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާ އެވެ. އަދި ސައުތްހެމްޓަން ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.