Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ފޭސްބުކް ގޭމިން އެޕް ހުއްޓާލަނީ

ފޭސްބުކްގެ މޮބައިލް ގޭމިން އެޕް ހުއްޓާލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން އެ އެޕް ބޭނުމެއް ނުކުރޭނެ އެވެ. އެގޮތުން އެ ތާރީހުން ފެށިގެން އެންޑްރޮޑާއި އައިއޯސް އަށް ވެސް ގޭމް ބަންދުވާނެ ކަމަށް ބުންޏެވެ. ގޭމިން އެޕް ހުއްޓާލަން މާކް ޒަކަބާގްގެ ފޭސްބުކުން ނިންމީ ޓްވިޗް ފަދަ މަގުބޫލު ގޭމިން އެޕްތަކާ ވާދަކުރަން ކުރިމަތިވި ގޮންޖެހުންތަކާ ހެދި އެވެ.

މިކަމާ ބެހޭ ގޮތުން ފޭސްބުކްގެ ގޭމިން ޓީމުން ނެރުނު މެމޯއެއްގައި ބުނީ ގޭމިން އެޕެއް ލޯންޗްކުރީ ފޭސްބުކްގެ އަހުލުވެރިންނަށް އެ ޕްލެޓްފޯމްގެ ތެރެއިން އިތުރު އާ ތަޖުރިބާއެއް ވެސް ކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގިތުން ކަމަށެވެ. އެގޮތުން ގޭމިން އެޕަށް ގޭމިން ކޮމިއުނިޓީން ލިބުނު ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުންޏެވެ.

ފޭސްބުކް ހިންގާ ކުންފުނި، މެޓަގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އޮކްޓޯބަރު 28 އިން ފެށިގެން ގޭމިން އެޕް ހުއްޓުމަކަށް އަޔަސް ގޭމްތައް ކުޅުނު މީހުންނަށް އެ މީހުންގެ ގޭމްތަކާއި ސްޓްރީމާތަކުގެ އިތުރުން ގްރޫޕްތަކަށް ފޭސްބުކުން އެކްސެސްވެވޭނެ އެވެ.

ފޭސްބުކް ގޭމިން އެޕް ލޯންޗްކުރީ ޖޫން 1، 2018 ގަ އެވެ. އެ ހުއްޓާލަން ނިންމި އިރު ބޭނުންކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާ އިރު 51 ޕަސެންޓަށް ދަށްވެފައިވެ އެވެ. އަދި ގޭމިން މާކެޓްގައި ފޭސްބުކް ގޭމިންގެ ހިއްސާ އަކީ މިހާރު އެންމެ 7.9 ޕަސެންޓެވެ.

ޓްވިޗް ގޭމިންގެ ރަސްކަމުގައި އޮތީ 76.7 ޕަސެންޓާ އެކީގަ އެވެ. އަދި ޔޫޓިއުބް ގޭމިން ލައިވްގެ ހިއްސާ އަކީ 15.4 ޕަސެންޓެވެ.