Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

އަމާންކަން ލިބޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން

ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ދިވެހި މުޖުތަމައު އަމާން ރައްކާތެރި ތަނަކަށް ނެހެދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ޔޫ.އެސް އެއިޑްގެ އެހީތެރިކަމާއެކު ޓްރާންސްޕޭރެންސީން ކުރިއަށް ގެންދިޔަ "ގާނޫނާ ޚިލާފްވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް އައުމަށް ހުރި ފުރުސަތާއި ގުޅޭ ހާލަތު ދެނެގަތުމުގެ ސަރވޭ 2022 ރިޕޯޓް" އަދި "ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިއުން ހިނގާ ގޮތް ދެނެގަތުމުގެ ދިރާސާ ރިޕޯޓް" ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަދައްކަމުންނެވެ.

އިމްރާން ވިދާޅުވީ މި ދެ ދިރާސާގެ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި މީގެ ދެ އަހަރު ކުރިން މި މަސައްކަތް ފެއްޓެވިއރު އެކަމުގެ ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށާއި މި ފަދަ މަސައްކަތެއް ރާއްޖޭގައި ކުރުމަށްޓަކައި ކުރިމަތިވާނެ ދަތިތަކާއި އުނދަގޫތައް ވަރަށް ބޮޑަށް އިހުސާސް ކުރައްވާ ހާލުގައި ކަމަށެވެ.

މިއަދު ކަންކަން ޙައްލު ކުރުމުގެ މަސައްކަތާ ކުރިމަތި ލައްވަނީ ކުރިމަތި ވެދާނެ ގޮންޖެހުންތައް ދެނެވަޑައިގަންނަވާ ހާލު، ރާއްޖޭގެ އޮތް ހަގީގަތާ ކުރިމަތިލައިގެން މެނުވީ ރާއްޖެ ހަމަޖެހޭ އަމާން ތަނަކަށް ނުވާނެކަން ޔަގީންވާތީ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި މަސައްކަތުގައި ވަރަށް ކެރިގެން، ވަރަށް ސާބިތުކަމާއެކު، ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ އަޅުގަނޑުމެންގެ މި މުޖުތަމައަކީ އަމާން ރައްކާތެރި ތަނަކަށް ނެހެދޭނެ. އަޅުގަނޑުމެން އެންމެންނަށް އަމާންކަން ލިބޭނީ އެކުގައި މަސައްކަތް ކޮށްގެން." އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް މި ގެންދިޔަ ދިރާސާއަކީ ވަރަށް މުހިންމު ދެ ދިރާސާ ކަމަށާއި މި ދިރާސާގެ އަލީގައި ދިވެހި މުޖުތަމައުގައި ހިމެނޭ އިޖުތިމާއި މައްސަލަތަކާއި ކުށަށް އަރައިގަންނަ ޒުވާނުންނާ ގުޅޭ ތަފްސީލީ މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

އެގޮތުން ގައިދީން، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން މަދު ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކުށް މަދު ރައްކާތެރި އަމާން މުޖުތަމައެއް ބިނާ ކުރުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.