Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

އަނެއްކާ ވެސް ހާލަންޑްގެ ހެޓްރިކެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 6-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރި މެޗުގައި ތިން ގޯލް ކާމިޔާބުކޮށް، އެއް ހަފްތާ ތެރޭ މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް ދެވަނަ ހެޓްރިކް ހަދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ކްރިސްޓަލް ޕެލެސް އަތުން 4-2 އިން ސިޓީ މޮޅުވި މެޗުގައި ވެސް ހާލަންޑް ހެޓްރިކެއް ހަދާފައިވެ އެވެ. އެއީ މި ޓްރާންސްފާ މާކެޓުގައި ސިޓީއާ ގުޅުނު ހާލަންޑް ލީގުގައި ހެދި ފުރަތަމަ ހެޓްރިކެވެ.

ރޭގެ މެޗަކީ ލީގުގައި ސިޓީން ކުޅުނު ފަސްވަނަ މެޗު ކަމަށްވާއިރު އެޓީމު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ލީގުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ އާސެނަލް އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ވެސް ސިޓީން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެ ތިން ގޯލް ވެސް ސިޓީ އަށް ކާމިޔާބުކޮށްދިނީ ހާލަންޑް ކަމަށްވާއިރު ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 9 އަށް އަރާފަ އެވެ.

ސިޓީން ދެވަނަ ހާފްގައި އިތުރު ތިން ގޯލް ކާމިޔާބުކުރިއިރު އޭގެތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ ޖައޯ ކަންސެލޯ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އިން ވަނީ 2-1 އިން އެސްޓަންވިލާ ބަލިކޮށްފަ އެވެ. އަދި ލިވަޕޫލުން ފަހު ވަގުތު 2-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު ޓޮޓެންހަމް އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.