Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

އިމާމުންނާއި ޚަތީބުންނަށް ތަމްރީން ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށީގެ އުންނާއި ޚަތީބުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޢިލްމުވެރިންނާއި ޤާރީންނެވެ. އެގޮތުން ތިން ޢިލްމުވެރިއަކާއި ދެ ޤާރީން ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ތަމްރީނު ޕްރޮގްރާމްގައި 36 ޚަތީބުންނާއި، 14 އިމާމުންނާ އެކު ޖުމްލަ 50 މީހަކު ބައިވެރިވެ އެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ނަމާދުގެ ޙުކުމްތަކާއި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތާއި މަސައްކަތުގެ އަހުލާގާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫއުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލުތަކެވެ.

މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ މީހުންނަކީ ޢާއްމު ރައްޔިތުންނާ އެކު ފަރުޟު ފަސް ނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ، އެ މީހުންނަށް އިތުރު ތަމްރީނު ދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާ ދާއިރާއެއްގައި އެ މިހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ބާއްވާ ޕްރޮގްރާމެެއް ކަމަށެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމަކީ އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަރުދަނާކޮށް އެ މީހުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި ކުރެވޭ ކުށްތައް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށް ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

މުޅި ރާއްޖެ އަށް އަމާޒުކޮށް ހިންގަން ހަމަޖެހިފައިބާ މި ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް ހިންގާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.