Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

އަރަބި ހެދުމެއް ލިޔަސް އިލްމުވެރިއަކަށް ނުވާނެ

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ތުނބުޅިއެއް ބަހައްޓާފައި އަރަބި ހެދުމެއް ލިޔަސް އަދި ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ ޔޯގާ އަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ދީނީ އިލްމުވެރިން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން ރޭ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވަނީ ކޮންމެވެސް ޔުނިވާސިޓީއަކުން އެއް އަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެެއީ ދީނީ އިލްމުވެރިއަކަށް ވަނީތޯ ސުވާލު އުފައްދަވާފަ އެވެ.

"އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމުވެރިއެކޭ؟ ކޮންމެވެސް ޔުނިވަސިޓީއަކުން އެއް އަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅައިގެން އުޅުނީމަ އެެއީ ދީނީ އިލްމްވެރިއަކަށްވީތޯ؟ އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިއަކަށް ވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން މަތީ ފެންވަރަށް ތައުލީމު ހާސިލުކޮށްގެން ހުންނަ މީހަކަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެކުލަވާލި ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރުން ގަބޫލުކުރާ އިސްލާމީ ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެންވީމަ ހަމަ ކުއްލިއަކަށް މީހަކު ހުރެފައި ވާހަކަ ދެއްކީމަ ދީނީ އިލްމުވެރިއަކަށް ވާނެތޯ؟ ނުވާނެ ނޫންތޯ. ވަރަށް ބޮޑަށް ވިސްނަންޖެހޭ މި ބުނަނީ ކީކޭތޯ، އިލްމުވެރިކަމަކީ ފަސޭހަ ކަމެއް ނޫނޭ." މައުމޫން ވިދާޅުވި އެވެ.

ދީނަކީ ވަރަށް ތަނަވަސް ބޮޑު ދުނިޔެއެއް ކަމަށާއި ކޮންމެ މީހަކު ވެސް އެމީހަކަށް ދީނީ ތައުލީމު ހާސިލުކުރެވިފައި ހުރީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ. އަދި އެހާ ފަސޭހައިން މިއީ ދީނީ އިލްމުވެރިޔެކޭ ބުނެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.