Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ޔުނައިޓެޑަށް ޖެހިޖެހިގެން ތިން މޮޅު

ޕްރިމިއާ ލީގުގައި ލެސްޓަ ސިޓީ 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޔުނައިޓެޑް ބަލިވި ނަމަވެސް އެންމެފަހުން ކުޅުނު ތިން މެޗު ކާމިޔާބުކޮށް އެޓީމު މިވަގުތު އޮތީ 9 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. މިއީ މިދިޔަ ޑިސެމްބަރަށް ފަހު ލީގުގައި ޖެހިޖެހިގެން ޔުނައިޓެޑުން ތިން މޮޅު ހޯދި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުން ބަލިވި ލެސްޓަ ސިޓީ އޮތީ ފަސް މެޗުން ވެސް މޮޅެއް ނުލިބި އެއް ޕޮއިންޓާ އެކު ލީގުގެ ފުލުގަ އެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޔުނައިޓެޑަށް މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯ އެވެ. ރަޝްފޯޑް ދިން ޕާހަކުން ސަންޗޯ މި ގޯލް ކާމިޔާބުކުރީ ލެސްޓާގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ޔުނައިޓެޑްގެ ލީޑު ފުޅާކޮށްލަން ދެވަނަ ހާފްގެ ފަހުކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތެއް ލިބުނު ނަމަވެސް ލެސްޓާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. ރޮނާލްޑޯ މި މެޗުގައި ވެސް ކުޅެން އެރީ ބެންޗުން ކަމަށްވާއިރު މިއީ އޭނާ ބެންޗުން އެރުވި ޖެހިޖެހިގެން ތިންވަނަ މެޗުވެސް މެ އެވެ.

ލީގުގައި ޔުނައިޓެޑް އަންނަ އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ފަސް މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ އެވެ.