Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އައްޑޫ ޗެމްޕިއަންޝިޕް އޮކްޓޯބަރު 22 ގައި

ކުރިން އަންނަ މަހުގެ 15 ގައި ފަށަން ނިންމާފައި އޮތް "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" އެ މަހުގެ 22 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ހިތަދޫ ސްޓޭޑިއަމްގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކަށް އިއްޔެ ވަނީ ފޯމް ވެސް ދޫކުރަން ފަށައިފަ އެވެ. ފޯމް އައްޑޫ ކައުންސިލްގެ އިދާރާއިންނާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ވެސް ލިބޭނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވާން އެދޭ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކުން ފޯމް ހުށަހަޅަން ޖެހެނީ މި މަހުގެ 15 ވަނަ ދުވަހު މެންދުރު ފަހު 2:00 ގެ ކުރިންނެވެ. އަދި ކްލަބް ޖަމިއްޔާތަކުގެ ޓީމް ލިސްޓް ހުށަޅަން ޖެހެނީ މި މަހުގެ 9 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު މުބާރާތުގެ އޯގަނައިޒިން ކޮމިޓީގެ މެމްބަރު އަހުމަދު ވަހިދުގެ ނަމްބަރު 7859566 އަށް ގުޅައިގެން ހޯދޭނެ އެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫހު އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބޭއްވީ 2019 ގަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ފޭދޫ ސްޕޯޓްސް އެވެ.