Last Updated: May 10, 06:02
Friday, May 10, 2024
ވިޔަފާރި

ސްޓާބަކްސްގެ ސީއީއޯއަކަށް އިންޑިއާ މީހެއް

އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން، ސްޓާބަކްސްގެ ސީއީއޯގެ މަގާމަށް އިންޑިއާގެ މީހަކު ހަމަޖައްސައިފި އެވެ.

އެ މަގާމަށް އިއްޔެ އައްޔަންކުރީ އިންޑިއާ އަށް އުފަން 55 އަހަރުގެ ލަކްޝްމަން ނަރަސިމްހަމް އެވެ. އޭނަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ.

ލަކްޝްމަން ސްޓާބަކްސްގެ ސީއީއޯގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ. އަދި އެހާތަނަށް މިހާރު އެ މަގާމުގައި ހުންނެވި ހޮވާޑް ޝުލްޒް މަގާމުގައި ދެމިހުންނަވާނެ އެވެ. ލަކްޝްމަން އަންނަ މަހުން ފެށިފެން ސްޓާބަކްސްގައި މަސައްކަތްކުރައްވަން ފައްޓަވާނެ އެވެ.

މިހާރު އެތަނުގެ ސީއީއޯ ޝުލްޒް މަގާމާ ހަވާލުވެވަޑައިގެންނެވީ މި އަހަރުގެ އެޕްރީލްގަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ޗެއިންގެ ތެރޭގައި ހިމެނޭ ސްޓާބަކްސްއާ ލަކްޝްމަން ގުޅިވަޑައިގަތް އިރު އޭނަ އެންމެ ފަހުން މަސައްކަތްކުރެއްވީ "ޑިއުރެކްސް" ބްރޭންޑް ކޮންޑަމްގެ އިތުރުން ވެސް ސިއްހަތާ ގުޅުން ހުރި މަޝްހޫރު ބައެއް ބްރޭންޑްތައް ނެރޭ ކުންފުނި ރެކިޓް ބެންސިކާގެ ސީއީއޯގެ ގޮތުގަ އެވެ.

އިންޑިއާގެ ޕޫނޭގެ އިންޖިނިއަރިން ކޮލެޖާއި އެމެރިކާގެ ޕެންޒިލްވޭނިއާ ޔުނިވަސިޓީން ތައުލީމު ހާސިލުރެއްވި ލަކްޝްމަން އަކީ ޕެޕްސިކޯގެ ޗީފް ކޮމާޝަން އޮފިސަރުގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

މީގެ 51 އަހަރު ކުރިން ވުޖޫދަށް އައި ސްޓާބަކްސް އަކީ މިހާރު 84 ގައުމެއްގައި ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. ކުންފުނީގެ މުވައްޒަފުންގެ އަަދަދު 33،800 އަށް ވުރެ ގިނަ އެވެ.