Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އާމިންދައްތަ އަލުން ވަޒީފާ އަށް ނެރެން އަންގައިފި

ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މި އަހަރުގެ ކުރީކޮޅު އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލުން ސަސްޕެންޑްކުރި އެތަނުގެ މަސައްކަތުގެ މީހެއްގެ ވަޒީފާގައި އުޅުނު އައިމިނަތު ދީދީ (އާމިންދައްތަ) އަލުން ވަޒީފާ އަށް ނެރެ ސަސްޕެންޑްކުރި ދުވަހުން ފެށިގެން ދޭން ޖެހޭ މުސާރަ އާއި އިނާޔާތް ދޭން ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އަންގައިފި އެވެ.

އެތަނުން އެކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އާމިންދައްތަ އަލުން ވަޒީފާ އަށް ނެރުމަށާއި ސަސްޕެންޑްކުރި ދުވަހުން ފެށިގެން ލިބެން ޖެހޭ މުސާރަ އާއު އިނާޔަތް ހަމަޖައްސައި ދިނުމަށެވެ.

ނަމަވެސް އެ އެންގުމާ އެގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޝަރަފުއްދީން ސްކޫލުން ވެސް އަމަލުނުކުރާ ކަމަށް ބުނެ އާމިންދައްތަ އާއިލާ އާއި އޭނަގެ ދިފާއުގައި މަސައްކަތްކުރަމުން ދިޔަ ޓީމުން ވެސް ބުނެފައިވެ އެވެ. އާމިންދައްތަގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނަގެ ދިފާއުގައި ނުކުތް އިސްކޮށް ހުރި ހުސައިން ރަޝީދު (ހުސައިން މެޓްރިކްސް) ގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި އާމިންދައްތަ އަށް އިންސާފުހޯދުމަށް މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

"އަޅުގަނޑުމެން ގޮވާލަން ވަގުތުން ވަގުތަށް އާމިންދައްތަ ވަޒީފާ ނެރުމަށާއި ވަޒީފާއަށް ނުނެރެ ހުރި ދުވަސްތަކަށް ހައްގުވާ ފައިސާ ދިނުމަށް" ހުސައިން ބުންޏެވެ. "މަންމަ ނިޔާވެފަވާއި ތިން މާމަ ކުދިން އާމިން ދައްތަ ބަލަނީ ވަރަށް ހާލުގައި ކަމަށާއި އާމްދަނީ ލިބޭ ހަމައެކަނި ގޮތަކި ވަޒީފަކަމަށް އަދި އާމިންދައްތައާ މެދު މިހާ ބޭއިންސާފުން އަނިޔާކުރަނީ ކޮން ކުށެއްކޮއްގެން ތޯ ގިސްލާ ރޮމުން އާމިންދައްތަ ސުވާލު ކުރި 😢 އަޅުގަނޑުމެން މި ޓީމް މި ތިބީ އަދިވެސް އާމިންދައްތަ އަށް އިންސާފު ހޯދައި ދޭން ނުކުނެ."

ޝަރަފުއްދީން ސްކޫލްގެ 7 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އާމިންދައްތަ، 59، ހައްޔަރުކުރީ މާޗް މިދިޔަ މަހުގެ 25 ގަ އެވެ. އަދި 23 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. ފުލުހުން އާމިންދައްތަ ދޫކުރީ އޭނަގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ އެވެ.