Last Updated: July 12, 05:49
Saturday, July 12, 2025
ވިޔަފާރި

ޓްވީޓް އެޑިޓްކުރެވޭ ފީޗާ ޓެސްޓިން އަށް

ޓްވީޓްތައް އެެޑިޓްނުކުރެވޭތީ އެ ބޭނުންކުރާ މީހުން އެދެމުން އައި ގޮތަށް އެޑިޓް ބަޓަން ގެނެސްދިނުމަށްޓަކައި މިހާރު އެ ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ

މިކަން ޓްވިޓާ އިން އިއުލާންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެޑިޓްކުރެވޭ ފީޗާ ޓްވިޓާ އިން އިންޓާނަލްކޮށް ޓެސްޓްކުރަމުން އަންނަ އިރު، މަހެއްހާ ދުވަހުގެ ތެރޭގައި "ޓްވިޓާ ބްލޫ" އަށް އެޑިޓް ބަޓަން ތައާރަފުކުރާނެ އެވެ. "ޓްވިޓާ ބްލޫ" އަކީ މަހަކު 4.99 ޑޮލަރު ދައްކައިގެން ބޭނުންކުރެވެވޭ އެއްޗެކެވެ. މި ވަގުތު އެ ލިބެނީ އެންމެ ހަތަރު ގައުމަކަށެވެ. އެއީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދިދި ނިއުޒީލެންޑެވެ.

ޓްވިޓާ އިން ބުނި ގޮތުގައި އެޑިޓް ފީޗާ މި ވަގުތު ޓެސްޓްކުރަމުން އަންނަމީ މީގެ ތެރެއިން އެއް ގައުމެއްގަ އެވެ.

ޓްވިޓާ ބޭނުންކުރާ މީހުން އެޑިޓް ބަޓަންއަކަށް ޑިމާންޑްކުރާތާ ގިނަ ދުވަސްތަކެއް ފަހުން އެ ފީޗާ ގެނެސްދިނުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެޑިޓްކުރެވޭ ޓްވީޓްތައް އެނގޭނެހެން އައިކަންއެއް އެ ޓްވީޓަކާ ދިމާއިން ފެންނަން އިންނާނެ އެވެ. އޭގައި ޓްވީޓް އެޑިޓްކުރި ގަޑި އާއި އެޑިޓްކުރި އަދަދާއި ޓްވީޓަށް ގެނައި ބަދަލުގެ ހިސްޓްރީ ބަލާލެވެން ވެސް އިންނާނެ އެވެ.

ޓްވިޓާ އިން ބުނީ ޓްވީޓެއް އެޑިޓްކުރެވޭނީ ޓްވީޓެއް އާންމުކޮށް ދޫކޮށްލުމަށް ފަހު 30 މިނިޓްގެ ތެރޭގައި މަދު ފަހަރެއްގެ މަތިން ކަމަށެވެ.

ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާ ޓެސްޓްކުރާނެ ވާހަކަ ޓްވިޓާ އިން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ 6 ގަ އެވެ. އަދި ޓްވިޓާ އިން އެކަން އިއުލާންކުރީ ކުރިން ޓްވިޓާ ބައްލަވައިގަންނަވަން އުޅުއްވި މަހުޖަނު އީލޮން މަސްކް، އެޑިޓް ބަޓަން ބޭނުންވޭތޯ ޓްވިޓާގެ އަހުލުވެރިންނަށް އެޕްރީލް 5 ގައި ޕޯލަކަށް ހުޅުވައިލުމުން އެކަމަށް 73.6 ޕަސެންޓް މީހުން އެދިފައި ވަނިކޮށެވެ.