Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޕީޖީ ވަކީލުން ޝަރީއަތުގައި ސަކަރާތްޖެހުމުން އިންޒާރުދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ސަކަރާތްޖެހުމުން، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އެ ވަކީލުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން ހެކިބަސް ދީފައިވަނީ އަހުމަދު ނަރީޝްއެވެ.

މިއަދުގެ އަޑުއެހުމުގައި އިސްގާޒީ މިފަދަ އިންޒާރެއް ދައުލަތުގެ ވަކީލުންނަށް ދެއްވީ ދިފާއީ ވަކީލުން ވާހަކަ ދައްކަވަމުންދިޔައިރު ހީ ހެދުމުންނެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހަކީ ހީ، ސަކާރާތް ޖަހާ މަޖިލީހެއް ނޫން ކަމަށް ވިދާޅުވެ އިންޒާރު ދެއްވާަފައިވެއެވެ.

"މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން އިނގޭތޯ. އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓާ ހީ ސަރަކާތް ޖަހާ މަޖިލީހެއް ނޫން މިއީ. އެފަދަ ކަމެއް ކުރައްވާނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެވަކީލަކާ ދޭތެރޭގައި ފިޔަވަޅު އަޅާ، އެވަގުތަކު ޝަރީއަތުން އަމަލު ކުރަންޖެހޭ ގޮތަށް އަމަލުކުރަން" ގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ހީ ސަމާސާ ކުރާ މަންޒަރު ސޯޝަލްމީޑިއާގައިވެސް ދައުރުވަމުން އަންނައިރު، އެކަމުގައި ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.