Last Updated: June 30, 20:43
Monday, June 30, 2025
ވިޔަފާރި

އައިފޯން 14 ޕްރީ-އޯޑަރަށް ހުޅުވާލައިފި

އެޕަލް އިން ރޭ ދައްކައިލި އައިފޯން 14 ސީރީޒްގެ ފޯނުތަކަށް މިއަދު ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން އެޕަލްގެ ވެބްސައިޓް މެދުވެރިކޮށް ފޯނުތަކަށް އޯޑަރުދެވޭނެ އެވެ. އައިފޯން 14 ގެ ހަތަރު މޮޑެލްއެއް ރޭ ދައްކާލައިފި އެވެ. އެއީ އައިފޯން 14 އާއި އައިފޯން 14 ޕްލަސް އާއި އައިފޯން 14 ޕްރޯގެ އިތުރުން އައިފޯން 14 ޕްރޯ މެކްސް އެވެ.

އެޕަލް އިން ބުނި ގޮތުގައި ފޯނުތަކަށް މިއަދުން ފެށިގެން ޕްރީ-އޯޑަރު ނަގަން ފަށާފައިވާ އިރު، އައިފޯން 14 އާންމުކޮށް ވިއްކަން ފަށާނީ މި މަހުގެ 16 އިން ފެށިގެންނެވެ. އޭގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އަދި އަންނަ މަހުގެ 7 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށާ އައިފޯން 14 ޕްލަސްގެ އަގަކީ 899 ޑޮލަރެވެ.

މީގެ އިތުރުން އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް މި މަހުގެ 16 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށާނެ އެވެ. ޕްރޯގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި ޕްރޯ މެކްސްގެ އަގު ފެށެނީ 1،099 ޑޮލަރުންނެވެ.

އެޕަލް އިން ބުނި ގޮތުގައި އައިފޯން 14 ސީރީޒްގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ބްލޫ، ޕާޕަލް، މިޑްނައިޓް، ސްޓާލައިޓް އަދި ޕްރޮޑަކްޓް ރެޑެވެ.