Last Updated: July 27, 06:33
Saturday, July 27, 2024
ޚަބަރު

ފަތުވާ ކައުންސިލްގެ ޒިންމާތައް ފިގުހު އެކަޑެމީ އަށް

ރާއްޖޭގެ ފަތުވާ ކައުންސިލްގެ ޒިންމާތައް ފިގުހު އެކަޑެމީއެއްގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެ އޮފީހުގެ އާ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެކަޑެމީ އެކުލަވާލައި އެތަނާ ފަތުވާ ކައުންސިލްގެ ޒިންމާތައް ހަވާލުކުރަން ކަމަށެވެ. އެގޮތުން ފިގުހު އެކަޑެމީ އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ އެކަޑެމީގެ މަސައްކަތްތައް ފަށާނެ ކަމަށެވެ. އޭރުން ހުއްޓިފައި އޮތް ފަތުވާ ކައުންސިލްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ފަތުވާ ކައުންސިލްގައި މެމްބަރުން ހަމަނުވެ، އޭގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއްވެފައިވާ އިރު، ރާއްޖޭގައި މި ފަހަކަށް އައިސް ދީނީ ގޮތުން އުފެދޭ ބޮޑެތި މައްސަލަތަކުގައި ބަސް ބުނާނެ ފަރާތެއް ނެތުމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެހެންވެ މިކަމާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފަދަ ބޭބުޅުން ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.