Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޒައިދު މަދަހަ އަލްބަމެއް ނެރެނީ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށް ޝެއިހް ޒައިދު ކައިވެނި ހަފުލާތަކަށް ހާއްސަ މަދަހަ އަލްބަމެއް ނެރުއްވަން ނިންމަވައިފި އެވެ.

"ކައިވެނި މަދަހަ" ގެ ނަން ދީފައިވާ މި އަލްބަމްގެ ހުރިހާ މަދަހައެއްގެ ރެކޯޑިން ވެސް މިހާރު ނިމިފައިވާ ކަމަށް ޒައިދު ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި މި އަލްބަމްގައި ޖުމްލަ 16 މަދަހަ ހިމެނޭނެ އެވެ. އޭނާ ވިދާޅުވީ މުޅިން އަމިއްލަ ރާގުގެ މަދަހަތައް ހިމެނޭ މި އަލްބަމުން ރާއްޖޭގެ އެކިއެކި ފަންނާނުންގެ އަޑު އިވިގެން ދާނެ އެވެ.

އިސްލާމް ދީން ފެތުރުއްވުމުގެ މަސައްކަތުގައި އަބަދު ވެސް އުޅުއްވާ ޒައިދު ވިދާޅުވި ގޮތުގައި ކައިވެނި ހަފުލާތަކަށް ހާއްސަ މަދަހަ އަލްބަމެއް ނެރުމަކީ އަބަދު ވެސް ތަސައްވުރެކެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ތަސައްވުރެއް ކައިވެނި ހަފުލާތަކުގައި ޖަހަން ހާއްސަ ތާރަ ޖަހާފައިވާ އިސްލާމީ ހުދޫދުގެ ކައިވެނި މަދަހަ އަލްބަމެއް ނެރުން،" މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ރެކޯޑިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއަކާ އެކީ ޒައިދު ޓްވިޓާގައި ވިދާޅުވި އެވެ. "އެކަން ކުރަމުން އެބަދަން."

އޭނާ ވިދާޅުވި ގޮތުގައު އަލްބަމްގެ މަސައްކަތް މިހާރު ނިމިފައިވާތީ ވަރަށް އަވަހަށް އެ ނެރޭނެ އެވެ.

"މި ހުވަފެން ހަގީތަކަށް ހަދައިދޭން އެހީވެދިން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން." ޒައިދު ވިދާޅުވި އެވެ.

ޝައިހް ޒައިދި ނެރުއްވާ "ކައިވެނި މަދަހަ" އަލްބަމް ވާނީ ރާއްޖޭގައި ނެރޭ މިފަދަ ފުރަތަމަ އަލްބަމަށެވެ. އަދި ޝެއިހަކު ނެރުއްވާ މިފަދަ ފުރަތަމަ އަލްބަމަށް ވެސް މެ އެވެ.