Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ބްރެނިއާ ކޮއްޓެފަރުގެ ޖީއެމަކަށް އައްޑޫ މީހެއް

ރ. އަތޮޅުގައި ހިންގާ ބްރެނިއާ ކޮއްޓެފަރު މޯލްޑިވްސްގެ ޖެނެރެލް މެނޭޖަރު (ޖީއެމް) ގެ މަގާމަށް އައްޑޫ މީހަކު ހަމަޖައްސައިފި އެވެ.

އެ ރިސޯޓްގެ އެންމެ އިސް މަގާމަށް ހަމަޖައްސާފައި ވަނީ އައްޑޫ ފޭދު އަށް ނިސްބަތްވާ މުހައްމަދު ނިހާޖެވެ. ޓޫރިޒަމް ދާއިރާގެ 20 އަހަރުގެ ތަޖުރިބާ ވެސް ހުންނެވި ޒުވާން ހިންގުންތެރިޔާ އަކީ އެ ހޮސްޕިޓާލިޓީ ދާއިރާ އިން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ އެންޑް ބިޒްނެސް މެނޭޖްމަންޓްގެ ދާއިރާ އިން ނިހާޖު މަތީ ތައުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ރޮބަޓް ގޯޑަން ޔުނިވަސިޓީންނެވެ. އޭނަ ބްރެނިއާ ކޮއްޓެފަރުގެ ޖީއެމްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ރާއްޖޭގެ މަޝްހޫރު އެހެން ބައެއް ރިސޯޓްތަކުގެ އިސް މަގާމުތަކެއް ވެސް އަދާކުރެއްވި އެވެ. އޭގެ ތެރޭގައި ފޯ ސީޒަންސް، ހުވަފެންފުށި އަދި ވެލާ ޕްރައިވެޓް އައިލޭންޑް ހިމެނެ އެވެ.

އާ މަގާމާ ބެހޭ ގޮތުން ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އަށް ނިހާޖު ވިދާޅުވީ އޭނަ އަށް އިތުބާރުކޮށްފައި ރިސޯޓްގެ ޖީއެމްގެ މަގާމު އެތަނުގެ ވެރިން ދެއްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެހެންވެ އަލީ ޒާހިރަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން." އޭނާ ވިދާޅުވި އެވެ.

ނިހާޖު ވިދާޅުވީ ބްރެނިއާ ކޮއްޓެފަރު ހިންގަން ވަރަށް ވަރުފަދަ ޓީމެއް ވެސް އޮތުމާ އެކީ އެ ޓީމާ އެކީ އޭނާ ހުންނެވ ކުރިއަށްވަޑައިގަންނަވަން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމް ވަރަށް ބޮޑަށް ބޭނުންވޭ ސީދާ ރާއްޖެ ތަޖުރިބާކުރެވޭ ކަހަލަ ތަނަކަށް މި ރިސޯޓް ހަދަން. އެހެންވެ އަޅުގަނޑުގެ ޓީމާ އެކީ އެކަމަށް މަސައްކަތްކުރާނަން." އޭނާ ވިދާޅުވި އެވެ.

ރ. އަތޮޅުގެ އެންމެ ހިތްގައިމު އެއް ރިސޯޓްގެ ގޮތުގައި ފާހަގަކޮށްލެވޭ ބްރެނިއާ ކޮއްޓެފަރަކީ 142 ވިލާގެ ރިސޯޓެކެވެ.

ޓޫރިޒަމް ދާއިރާ އިން ނިހާޖު ބޮޑު ކުރިއެރުމެއް ހޯދި އިރު، އޭނަ އަކީ މި އަހަރު 50 އަހަރު ފުރުނު ފޭދޫ ސްކޫލްގެ ފަހުރުވެރި ދަރިވަރެއް ވެސް މެ އެވެ. ޕްރައިމަރީ ތައުލީމު ރަށު ސްކޫލުން ހާސިލުކުރެއްވުމަށް ފަހު، ނިހާޖް ސާނަވީ އަށް ކިޔަވާ ވިދާޅުވީ ކުރީގެ ހިތަދޫގެ ސަދަން ސެކަންޑްރީ ސްކޫލް އަދި މިހާރުގެ ޝަރަފުއްދީން ސްކޫލުންނެވެ.