Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މީދޫގެ ހިމާޔަތަށް އިތުރު 30 މީޓަރުގެ ޖިއޯބޭގް

އައްޑޫ މީދޫ ގޮނޑުދޮށް ހިމާޔަތްކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭރުން އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ނިންމާލެވިއްޖެ ކަމަށް އެ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާ މީދޫގައި ވަގުތީ ހައްލެއްގެ ގޮތުގައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. މީދޫ ރަށްގިރުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ޖައިކާއާ ގުޅިގެން މަޝްރޫއެއް ރޭވިފައިވާ ކަމަށާއި އެކަމާ ގުޅޭ ދިރާސާތަކެއް ކުރެވެމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

އެމްޓީސީސީން މީދޫގައި ކުރިއަށް ގެންދާ ޖިއޯބޭގް ޖެހުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިފައި ނުވާ، ރަށްގިރުމުގެ ނުރައްކާ ބޮޑު އެހެން ހިސާބުތަކުގައި ޖިއޯބޭގް ޖަހަން ޖެހޭ ކަމަށް ރަށުގެ ރައްޔިތުންގެ ތެރެއިން ފަރާތްތަކަކުން މެންބަރުގެ ސަމާލުކަމަށް ގެނެސްދިން ކަމަށާއި، އޭގެ ފަހުން މީދޫ އަވަށު އޮފީހުގެ ފަރާތުން މިނިސްޓްރީގައި ވެސް މިކަމަށް އެދިފައިވާ ކަމަށް ރޮޒޭ ފާހަގަކުރައްވާފައިވެ އެވެ.

ރޮޒޭގެ ފޭސްބޫކް ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ކަންކަން ކޮށްދެއްވުމުގައި ދާއިރާގައި ވަކި ޕާޓީއަކަށް ނިސްބަތްވާ ކައުންސިލަރަކު ހުރުމުން ތަފާތު ނުކުރައްވަވާ ކަމަށެވެ.