Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އައްޑޫ ދަމަނަވެށި "ގެއްލި"، ޕަބްލިކް ހެލްތު ވާނުވާގައި!

"ދަމަނަވެށި" ހިންގި އިމާރާތަކީ މިހާރު ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު.

އައްޑޫގައި ކުރިން ހިންގަމުން އައި ދަމަނަވެށި "ގެއްލި"، ޕަބްލިކް ހެލްތާ ގުޅުން ހުރި ހިދުމަތްތައް އޮޅުންބޮޅުންވެ އާންމުންގެ ތެރޭގައި ވެސް ނުތަނަވަސްކަން އުފެދެން ފަށައިފި އެވެ.

އައްޑޫގެ ދަމަނަވެއްޓަކީ އައްޑޫގެ ޕަބްލިކް ހެލްތުގެ އެއްމެހާ ކަންކަން ސިޓީ ލެވެލްގައި ކުރުމަށްޓަކައި މަރަދޫފޭދޫގެ ކުރީގެ ސިއްހީ މަރުކަޒު ހިންގަމުން އައި އިމާރާތުގައި ހިންގަމުން އައި ތަނެކެވެ. އެތަނުން ސިއްހީ މަރުކަޒުގެ ނަން ބޯޑް ނަގައި ދަމަނަވެށިގެ ބޯޑު ހަރުކޮށް ދުވަސްތަކެއް ވަންދެން އެ ނަމުގައި ހިންގި ނަމަވެސް އެތަން ހަރުދަނާކުރަން މިހާތަނަށް އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ.

މުވައްޒަފުންގެ އޮނިގަނޑެއް އަދި ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ނެގިފައެއް ވެސް ނެތެވެ.

ދަމަނަވެށި ކިޔާ ތަނެއް އައްޑޫގައި ހުރި ކަމެއް ހެލްތު މިނިސްޓްރީގެ އެއްވެސް ރަޖިސްޓްރީއަކުން އެނގޭކަށް ނެތެވެ. އަދި އެއީ ހަމަ ކުރިއެކޭ އެއްގޮތަށް ރަސްމީ ލިޔުންތަކުގައިވާ ގޮތުން މަރަދޫފޭދޫ ސިއްހީ މަރުކަޒެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން ކުޑަކުދިންގެ ސިއްހަތައް އަމާޒުކޮށްގެން ހިންގަން ފެށި ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު (އެސްސީޑީސީ) ވަނީ މި އިމާރާތުގައި މިހާރު ހިންގަން ފަށައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެޕްރީލް 8 އިން ފެށިގެންނެވެ.

މި ބަދަލާ އެކީ އައްޑޫ ދަމަނަވެށި ގެއްލުނު އިރު މިސަރުކާރުގެ "ހެޔޮ ވިސްނުމާ އެކީ" މިހާރު ވަނީ ހދ. ކުޅުދުއްފުށީގައި ދަމަނަވެއްޓެއް އިމާރާތްކުރަން 26.7 މިލުއަން ރުފިޔާ އަށް މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފަ އެވެ. ނޯތު ކޯސްޓު ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އައްޑޫ ދަމަނަވެށި "ނިޒާމުން ގެއްލި"، ބޮޑު އާބާދީއެއް އޮތް ސިޓީގެ ޕަބްލިކް ހެލްތުގެ މޫނުމަތި "ބިކަވުމުން" ދައްކުވައި ދެނީ އައްޑޫގެ ޕަބްލިކް ހެލްތު ދާއިރާ އަށް ބަޔަކު އިހުމާލުވަމުންދާކަން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.