Last Updated: October 4, 11:19
Tuesday, October 4, 2022
ޚަބަރު

މޫނުމަތިން ރޫ ފިލުވަން ބޭނުންކުރާ ފޭކް ބޭހެއް

މޫނުގައި ރޫޖެހޭތީ ބޭނުންކުރާ ބޭހެއްގެ ފޭކު ބެޗުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫނުގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ޑިސްޕޯޓްގެ ސައްހަ ނޫން ބެޗްތަކެއް ބައެއް ގައުމުތަކުގައި ދައުރުވަމުންދާ ކަމަށެވެ. އެގޮތުން ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސަށް ދޭ މި ބޭހުގެ ފޭކު ބެޗު އުރުދުން އާއި, އިނގިރޭސިވިލާތާއި, ތުރުކީއާއި, ކުވެއިތާއި, ޕޮލެންޑުގައި ދައުރުވަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނީ މިއީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި "ޕްރީ އޮތޮރައިޒޭޝަން" ނަގައިގެން އިމްޕޯޓްކުރެވޭ ބޭހެއް ކަމަށެވެ. އެކަމަކު މިހާތަނަށް މި ބޭސް އެ ގޮތަށް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

މި ބޭސް ބޭނުން ކޮށްގެން ދޭ ހިދުމަތްތަކަކީ ކޮސްމެޓިކް ހިދުމަތް ތަކަށްވާތީ ރާއްޖެއިން ބޭރުން ބޭސް ގެންނައިރު މި ބެޗުގެ ބޭސްތައް ނުގެނައުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިކަމަށް ސަމާލުކަންދީގެން އެތެރެ ކުރުމަށްވެސް ވަނީ އަންގާފަ އެވެ.