Last Updated: December 5, 23:15
Tuesday, December 5, 2023
ރިޕޯޓް

އައްޑޫ ޓޫރިޒަމް ޒޯން؛ ކަނޑާލީ ރައްޔިތުންގެ ބޮލަށް!

މީދޫގެ ޓޫރިޒަމް ޒޯނެއް.

އައްޑޫ ޓޫރިޒަމް ޒޯންތައް ތަރައްގީކުރާ ވާހަކަ އަކީ މިހާރު "އިނބިލީހުގެ ކައިވެންޏަށްވެފައި" އޮތް ކަމެކެވެ. އައްޑޫގެ އެނދުގެ ނިސްބަތް 8،000 އަށް އިތުރުކުރަން އިއުލާންކުރި މި މަޝްރޫއު އޮތީ އެއްވެސް ކޮޅެއްގައި ނުޖެހި އެވެ. ކުރެވުނުހާ ވެސް ކަމަކީ އައްޑޫގެ އެކި ދިމާތަކުން ޓޫރިޒަމަށް ހާއްސަކޮށްގެން ޒޯންތަކެއް ކަނޑައަޅައި، އެތަންތަނަށް ނަންތަކެއް ދީ، ބައެއް ޒޯންތަކުގެ ލޭންޑްސްކޭޕިން ހަދައި، ގިނަ ބިންތައް އެކި ފަރާތްތަކާ ހަވާލުކުރުމެވެ.

ބިންތައް ހަވާލުކުރަން ފެށުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ހަވާލުކުރެވުނު އެއްވެސް ބިމެއްގައި މިހާތަނަށް އެއްވެސް ފެސިލިޓީއެއް ހެދިފައެއް ނެތެވެ. އޭގެ މާނަ އަކީ ޓޫރިޒަމް ޒޯންތަކުން މިހާތަނަށް އެންމެ އެނދެއް ވެސް އައްޑޫ ޓޫރިޒަމަށް އިތުރުވެފައި ނެތުމެވެ.

ބިންތައް ލިބުނު ގިނަ މީހުން ބުނާ ގޮތުން އެ މީހުންނަށް މަސައްކަތް ނުފެށުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ޓޫރިސްޓް ފެސިލިޓީތައް ހަދާނެ ފައިނޭންސް ހޯދުމުގައި ހުރި ދަތިތަކެވެ. މިކަން މިހެން އޮތުމާ އެކީ އެކަމަށް އެހީތެރިވެދޭން މަސައްކަތްތަކެއް ކޮށްދޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އެއީ ފައިނޭންޝަން އިންސްޓިޓިއުޝަންތަކާ ވެސް ވާހަކަ ދައްކައިގެންނެވެ. އެކަމަކު އެކަން ވެފައެއް ނެތެވެ.

އަނެއްކޮޅުން ބިންތަކެއް އަދި ހަވާލުކުރެވުނަސް ތަނެއް ތަރައްގީއެއް ނުކުރެވޭނެ އެވެ. ޓޫރިޒަމް ޒޯންތަކަށް ބޭނުންވާ ފެނާއި ނަރުދަމަ އާއި ކަރަންޓް ފަދަ އެއްވެސް ހިދުމަތެއް އެއިން ތަނެއްގައި ފުރިހަމަވެފައެއް ނެތެވެ. އެހެންވެ އެއިން ބިމެއްގައި މި ހާލަތުގައި ބޮޑު އިންވެސްޓެއްކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ޓޫރިޒަމް ޒޯންތައް "ފަޅަށް" ފެންނަނީ މިފަދަ ސަބުބުތަކާ ހެދި އެވެ.

ބިންތައް ލިބުނު މީހުންނަށް އެ ބިންތަކުގައި މިހާތަނަށް މަސައްކަތްތަކެއް ފެށިފައި ނުވާތީ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުން އަވަސްކުރަން އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޭނުންވާ ކަމަށް މޭޔަރު އަލީ ނިޒާރު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ބޭނުން ވަނީ ޓޫރިޒަމް ޒޯންތަކުގެ ބޭނުންް ވީހާ ވެސް އަވަހަށް ފެށޭނެ ގޮތެއްވޭތޯ ކަމަށެވެ. އެގޮތުން ކައުންސިލުން މިކަން ވިސްނީ ފަންޑު ހޯދަން ވެސް ފަސޭހަވާނެތީ ކަމަށް ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ކައުންސިލުން މިހާރު އެބަ ވިސްނަން ޒޯންތަކުން ހަވާލުނުކޮށް ހުރި ބިންތަކުގެ ތެރެއިން ބިންތަކެއްގައި ކޮންމެވެސް ގޮތަކަށް ޓޫރިޒަމް ފެސިލިޓީތަކެއް ތަރައގްީކުރަން. ބޭނުމަކީ އަވަހަށް ތަރައްގީކުރެވޭނެ ވިސްނުމަކަށް ދިއުން. އެ ވިސްނުމުގެ ތެރޭގައި އެބަ ހިމެނޭ ކައުންސިލުން ފަންޑު ހޯދައިގެން ފެސިލިޓީތަކެއް ތަރައްގީކޮށްފައި ކޮންމެވެސް ބަޔަކާ އެތަންތަން މެނޭޖްކުރަން ހަވާލުކުރުން." މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަކީ އައްޑޫގައި އަވަސްކުރަން ޖެހޭ ކަމަކަށްވުމާ އެކު މިކަން މަޑުކޮށްލައިގެން ބަލަން ތިބެވޭކަށް މިހާރަކު ނެތެވެ.

"އެހެންވީމަ [ކަމެއް ނުކޮށް] ބަލަން ތިބުމުގެ ބަދަލުގައި މަސައްކަތްތަކެއް ފަށަން ބޭނުން ވަނީ. [މިހާރު] ކޮންމެވެސް ވަރެއްގެ އިޝާރާތްތަކެއް ލިބިފައި އެބައިން ކައުންސިލުން މަސައްކަތްކޮށްފި ނަމަ މިކަމަށް ފަންޑް ވެސް ފަސޭހަ އިން ލިބިދާނެ ކަމަށް،" ނިޒާރު ވިދާޅުވި އެވެ. އެހެންވެ ޒޯންތަކުގައި ތަރައްގީކުރެވޭ ތަންތަނުގައި އަޅުގަނޑުމެން އެބަ ބަލަން މަދުވެގެން ފަސް ސަތޭކަ ނޫނީ ހާހެއްހާ ކޮޓަރި ތަރައްގީކުރެވޭނެ ތަފާތު ވިސްނުމަކަށް ދާން ވެސް."

މޭޔަރުގެ ވާހަކަތައް ކުރިން މި ގޮތަށް ހުއްޓަސް ރާގު މިހާރު ބަދަލުވެއްޖެ އެވެެ. އަދި މޭޔަރު ވިދާޅުވި ގޮތަށް ކައުންސިލުން ފެސިލިޓީތަކެއް ހަދަން މިހާތަނަށް ކުރެވުނު މަސައްކަތެއް އެނގޭކަށް ނެތެވެ. ދެކެވިފައި ހުރީ ހުސް ވާހަކަތަކެވެ.

މި ހަފުތާގައި ލ. ގަމުގައި ނިންމާލި "ވިއަވެތި ކޮންފަރެންސް" ގެ ހަވާސާގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ ބިންތައް ކައުންސިލުން ބިންތައް ހަވާލުކޮށްފައިވާތީ ދެން ކުރަން ޖެހޭ ކަމަކީ ބިން ލިބުނު ފަރާތްތަކުން އެ ތަންތަނުގައި ފެސިލިޓީތައް ހެދުން ކަމަށެވެ.

"ދެން ޕްރޮޕަޓީ ޑިވެލޮޕް ކުރުމަކީ ޕްރައިވެޓް މީހުންގެ ކަމެއް. އަޅުުގަނޑުމެންނަށް ބިން ދީފައި އެއާ ގުޅޭ ވަސީލަތްތައް ގާއިމު ކުރެވޭނީ،" އައްޑޫގެ ޓޫރިޒަމް ފަސް ޒޯނުން ދޫކޮށްފައިވާ ބިންތަކާ ބެހޭ ގޮތުން ނިޒާރު ވިދާޅުވި އެވެ. "ކައުންސިލުގެ މި ދެންނެވި ފަސް ޒޯނުގައި ކުރަން ޖެހޭ ކަންކަން އޮތީ ނިންމާފައި. ޕްލޮޓްތައް ދީފައި އޮތީ އެ ބޭފުޅުންނަށް ފައިސާ ހޯދޭނެ ގޮތް ވެސް ސަރުކާރުން އެބަ މަސައްކަތް ކުރައްވާ."

މޭޔަރުގެ ބަހުން ނަމަ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމާ ގުޅޭ ގޮތުން ކައުންސިލުން ދެން ކުރަން ޖެހޭނެ އަދި ކޮށްދޭން ޖެހޭ ކަމެއް ވެސް ނެތެވެ. އެހެންވެ މި ވާހަކަ ބޮޑަށް ސިފަކުރެވެނީ މިހާރު މިކަން ވެސް ނުވުމުން ރައްޔިތުންގެ ބޮލަށްކަނޑާލި ކަމެއްގެ ގޮތުގަ އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގައި 8،000 ޓޫރިސްޓު އެނދު ތަރައްގީކުރަން ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން އޮތީ ކޮށް ދީފަ އެވެ. އެކަމަކު އެ ބިންތަކަށް އެންމެ އަސާސީ ޔުޓިލިޓީ ހިދުމަތްތައް މިހާރު ދެވިފައިވޭތޯ މޭޔަރުގެ ވާހަކައަކުން ސާފެއް ނުވެ އެވެ. މޭޔަރުގެ ބަހުން ނަމަ އެ ހިދުމަތްތައް ވެސް އެތަންތަނުގައި ގާއިމުކުރަން ޖެހޭނީ ބިންތައް ލިބުނު މީހުންނެވެ. ނޫނީ އާންމު ރައްޔިތުންނެވެ.

އެހެންވެ އައްޑޫ ޓޫރިޒަމް ޒޯންތަކާއި އެތަނުން އުފައްދަން އުޅޭ އެނދުގެ ވާހަކަ މިހާރު އޮތީ ޖޯކަކަށް ދައްކާ ވާހަކައަކަށްވެފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބު ވެސް ގާތްވަމުން އަންނާތީ އަނެއްކާ ވެސް ސިޔާސީ ބޭނުންތަކަށް ޓޫރިޒަމް ޒޯންތަކުގެ ވާހަކަ މި ވެރިން އަދި ފޯރީގައި ދައްކާތަން އަދި ފެންނާނެ އެވެ. ރައްޔިތުން ތިބީ ބަލާށެވެ.