Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ޕާކިސްތާންގައި ބާރަށް ޑެންގޫ ފެތުރެނީ

ފެންބޮޑުވުމުގެ ހާދިސާތަކަށް ފަހު، ޕާކިސްތާނަށް އާންމު ސިއްހީ ހާލަތު ދަށްވެ، އެ ގައުމުގައި މިހާރު ވަރަށް ބާރަށް ޑެންގޫ ފެތުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތެއްތިރީސް މިލިއަން މީހުންނަށް ފެންބޮޑުވުމުގެ އަސަރު ތަޖުރިބާކުރަން ޖެހި، ދިރިއުޅުމުގެ ހާލަތު ވެސް ދަށްވެފައިވާ އިރު، ސިއްހީ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ސިންދު ޕްރޮވިންސުން އެކަނި ވެސް 3،830 މީހަކަށް ޑެންގޫ ޖެހިފައިވާ އިރު، މިހާތަނަށް ނުވަ މީހަކު މަރުވެފައިވާ ކަމަށެވެ.

"ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުން. އެހެންވީމަ ކޭސްތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ވަރަށް ބޮޑަށް އިތުރުވަމުން،" ޕާކިސްތާންގެ މެޑިކަލް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުލް ގަފޫރު ޝޯރޯ ވިދާޅުވި އެވެ. "މުޅި ސިންދު ޕްރޮވިންސަށް ބަލާ ކަމަށް ވަންޏާ ހާލަތު މިހާރު ވަރަށް ދަށް. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު އިތުރަށް ގޯސްވަމުންދާނެ ކަމަށް ފެންނަނީ."

އޭނަ ވިދާޅުވި ސިންދު ޕްރޮވިންސްގައި މެޑިކަލް ކޭމްޕްތައް ހަދައިގެން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އަންނަ އިރު، މެލޭރިއާގެ ހާލަތު ވެސް ދަނީ ގޯސްވަމުންނެވެ.

ޖޫން މަހުން ފެށިގެން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކާ އެކީ ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކުން އަދިވެސް އެއްކޮށް ފެން ނުހިނދެ އެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށް 1،500 އެއްހާ މީހުން މަރުވެފައިވެ އެވެ.