Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ތައުބާ ވިޔަސް އަދަބު ލިބެން ވާނެ: ޒައިދު

ޝަރީއަތުގެ މަރުހަލާގައި އޮތް ކުށަކަށް މީހަކު ތައުބާވި ނަމަވެސް އެ ކުށަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އެ މީހެއްގެ މައްޗަށް އަޅަން ޖެހޭނެ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިއަދު ހުކުމްކުރަން ތާވަލުކޮށްފައި ވަނިކޮށް އޭނަގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުށަށް ތައުބާވެފައިވާ ކަމަށާއި ކުވުނު ކުށަށް މައާފަށް ވެސް އެދޭ ކަމަށެވެ.

ނާޒިމްގެ އެ ބަޔާނާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގައި ކުށުން ތައުބާވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަދި އިޚްލާސްތެރި ތައުބާވާ ކޮންމެ އަޅެއްގެ ތައުބާ ވެސް މާތް ﷲ ގަބޫލުކުރައްވާނެ. ނަމަވެސް މީހެއްގެ މައްސަލަ ޝަރީއަތަށް ހުށައެޅުމަށް ފަހު އެ މައްސަލައެއްގައި އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެ،" އޭނާ ވިދާޅުވި އެވެ. "ތައުބާވުމަކީ އެކަން މަނާކުރާ ކަމެއް ނޫން."

ނާޒިމް އެއްޖިންސުން ގުޅުން ހިންގާފައި ވަނީ ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ ގުޅުން ހިންގި މައްސަލަ ސާބިތުގެ މިހާރު ހަތް މަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރަމުން އަންނަ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީގަ އެވެ.