Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ހަރުކޮށްފި

އެސްޓީއޯ ސްޓޭޕަލް ވެއާހައުސްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ މިއީ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލޮޓް ޕްރޮޖެކްޓެއް ކަމަށެވެ.

މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން މި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން މިތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް ވެސް ސޯލާ އެނާޖީން ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި މަސައްކަތް ކޮށްފައިވަނީ ރިނިއުވަބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުންނެވެ.

އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރެވެމުންދަނީ ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓެކެވެ.

އެސްޓީއޯ އިން ބުނީ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނާޖީގެ އިތުރު ޕްރޮޖެކްޓްތައް ރޭވިފައިވާ ކަމަށެވެ. އަދި ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން މަސައްކަތްތައް ބަދަލުކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.