އައްޑޫ ހިތަދޫގައި ދިރިއުޅެން ދޫކޮށްފައި ހުރި ބައެއް ގޯތިތައް ފަޅަށް ހުރުމުން ގޮނޑުވެ، އެތަންތަނުގެ ސަބަބުން އެކި ކަހަލަ އިހުތިޖާއީ މައްސަލަތަކަށް މަގިފަހިވަމުންދާ ކަމަށް ބުނެ އެފަދަ ގޯތިތައް ސާފުކުރަން ކައުންސިލުން އަންގައިފި އެވެ.
ހިތަދޫ އަވަށު އޮފީހުން ނެރުނު އިއުލާނެއްގައ ބުނީ ހިތަދޫ އަވަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި، ދިރިނޫޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުންދާ ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި އެގޮތަށް ދިމާވެފައި ވަނީ ގޯތިތަކުގެ ވެރި ފަރާތުން އެތަންތަން ސާފުކޮށް ބަލަހައްޓަމުން ނުދިއުމުގެ ސަބަބުންނެވެ. އެހެންވެ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތަކަކީ އެ ގޯއްޗެއް ޙަވާލުކުރެވޭ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯއްޗެއްކަން ރާއްޖޭގައި ޢަމަލު ކުރަމުންދާ ބިމާ ބެހޭ ޤާނޫނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
"ވުމާއެކު ސާފުތާހިރު ވެށްޓެއް ގާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކާ ހިތަދޫ އަވަށުގައި ހުރި ހުރިހާ ފަޅުގޯތިތައް ސާފުކޮށް ދެއްވުން އެދި ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ." އިއުލާންގައި ބުންޏެވެ.
ފަހަކަށް އައިސް ހިތަދޫގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އިތުރުވެފައިވާ އިރު، މިފަދަ ކުށްތައް ކުރާ މީހުން ޖަގަހަތަކުގެ ގޮތުގައި ބޭނުން ކުރަމުން ދަނީ ފަޅަށް ގޯތިތަކާއި ފަޅުގެތައްކަން ފަހަގަކޮށްލެވެ އެވެ. އެގޮތުން ހިތަދޫން މި ފަހުން ވަގަށް ނެގި ބައެއް ތަކެތި ފެނިފައި ވަނީ ވެސް އެފަދަ ތަންތަނުގެ ތެރެއިން ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.