Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ކާފަރެއްގެ ޖަނާޒާގައި ބައިވެރިވުން މަނާކުރާ ދަލީލެއް ނެތް: އިޔާޒް

ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން މަނާކުރާނެ ޤަޠްޢީ ދަލީލެއް ނެތް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އިޔާޒު މިހެން ވިދާޅުވެފައިމިވަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވަޑައިގަންނަވާތީ ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ނޫހަކަށް އިޔާޒު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން މަނާކުރާނެ ޤަޠްޢީ ދަލީލެއް އައިސްފައި ނުވާ ކަމަށާއި ނަމަވެސް، ޤަޠްޢީ ދަލީލެއް އައިސްފައިވަނީ ޣައިރު މުސްލިމް މައްޔިތެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެއީ ޙަރާމް ކަމެއްކަމާއި މެދު ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވާ ކަމަށް އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވިދާޅުވީ ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަ ނޫން ކަމެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ އެކަމަކީ އެބައިމީހުންނަށް ހެޔޮދުޢާކޮށްދިނުން ފަދަ ކަމެއް ކަމުގައި ވުމެވެ. ނަމަވެސް އެހެން ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަކަމެއް ކަމަށް އިޔާޒު ވިދާޅުވި އެވެ.

"ބައެއް ޞަޙާބީންނާއި ތާބިޢީންގެ ފަރާތުން ވާރިދުވެފައިވާ ބައެއް އަޘަރުތަކުން އެބޭފުޅުން ދަލީލު ދައްކަވަ އެވެ. އޭގެތެރެއިން އެއް ޙާދިޘާ އަކީ އަލްޙާރިޘް ބިން އަބީރަބީޢާގެ މަންމާފުޅުގެ ޖަނާޒާގައި ބައެއް ޞަޙާބީން ބައިވެރިވެވަޑައިގަތުމެވެ. އަލްޙާރިޘް ބިން އަބީރަބީޢާގެ މަންމާފުޅަކީ ކްރިސްޓިއަނެކެވެ." އިޔާޒުގެ ލިޔުއްވުމުގައިވެ އެވެ.

އިޔާޒު ވަނީ ބައެއް އެހެން ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރޭގައި ގާތްތިމާގެ މީހަކު ހިމެނޭނަމަ އެމީހެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން މުސްލިމުންގެ މަސްލަހަތު ހުރި ކަމެއް ކަމަށް ވަނީ ނަމަ ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ އެންމެ ރަނގަޅު ކަމެއްކަން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވާ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވި އެވެ.