Last Updated: November 26, 12:59
Saturday, November 26, 2022
ޚަބަރު

ބޮޑާ ހާކާފައި ގޭގައި ނުހުންނާނަން: ނަޝީދު

އެމަނިކުފާނަކީ ބޮޑާހާކާފައި ގޭގައި ހުންނަވާނެ މީހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދަށް އެ ޕާޓީގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބާރު ގެއްލިގެން ގޮސްފަ އެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބާރު ގަދަވެފައިވާއިރު މަޖިލީހުގެ ތެރެއިން ވެސް ފެންނަމުންދަނީ އެ މަންޒަރެވެ.

އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން "އައްޑޫލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިވަގުތު ކުޑަކޮށް ދަތިވެފައި ހުރި ނަމަވެސް އަދި ކަންތައްތައް ކުރެވޭ ގޮތް ނެތް ނަމަވެސް އެމަނިކުފާނަކީ ބޮޑާ ހާކާފައި ގޭގައި ހުންނަވާނެ މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑަށްވީ މިންވަރަކުން އިރާދަކުރެވިއްޔާ މި މަސައްކަތުގައި އުޅޭނަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އައްޑޫގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތުމާއި، ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް މަދުވުން ކަމަށެވެ. މިކަންކަން ރަނގަޅުކުރުމަށްޓަކާ އައްޑޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރަންޖެހޭ ކަމަށާއި އެއާޕޯޓު ތަރައްގީކޮށް ހިންގަން ބޭނުންވާ ބޭރުގެ ފަރާތްތައް ވަރަށް ގިނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އައްޑޫ ބަނދަރު ތަރައްގީ ކުރެވުމުން އައްޑޫގެ ވިޔަފާރިއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން އައްޑޫގައި ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވައްކަމާއި، ފޭރުމާއި ކުށަށް އަރައިގަތުން އިތުުރުވުން ކަމަށާއި އައްޑޫގައި ތިބި ފުލުހުންގެ އަދަދު ވެސް މަދު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ކުށްމަދު ކުރަން ސަރުކާރުން ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށާއި އަދި ޑްރަގުގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތް ކުރަން ވެސް މަސައްކަތް ކުރަންޖެހޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.