Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އައްޑޫގައި ކޮރަލް ފެސްޓިވަލެއް ބާއްވަނީ

އައްޑޫގައި އަންނަ އަހަރު ކޮރަލް ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ފެސްޓިވަލް ބާއްވަނީ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އުފައްދަވާފައިވާ "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ ފަރާތުންނެވެ.

މި ފެސްޓިވަލާއި ގުޅޭގޮތުން "އައްޑޫ ލައިވް"އާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ފެސްޓިވަލް އޮންނާނީ އަންނަ އަހަރުގެ މާޗުގައި ކަމަށާއި އެ ފެސްޓިވަލަށް ހާހެއްހާ މީހުންނަށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސްރީލަންކާ އާއި ސީޝެލްސް އާއި މޮރިޝަސްގެ އިތުރުން ރާއްޖޭގެ އެންމެ އިސްވެރިން މި ފެސްޓިވަލަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ފެސްޓިވަލްގައި އެގައުމުތަކުގައި ފިނޭންސް މިނިސްޓަރުންނާއި އެންވަޔަރަމެންޓް މިނިސްޓަރުން ވެސް އަންނާނެ ކަމަށާއި އަދި ދުނިޔޭގެ އެކި ޖަމިއްޔާތަކާއި މިކަމަށް ޝައުގުވެރިވާ އެކި ފަރާތްތަކުން މި ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ތަންކޮޅެއް މަޝްހޫރު މިއުޒިކް ބޭންޑެއް ވެސް މި ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މި ފެސްޓިވަލާއެކު ދުނިޔޭގެ ޗާޓުގައި އަނެއްކާވެސް އަލުން އަނބުރާ އައްޑޫ ފަވާލެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

"މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް" އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ނަޝީދު އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ.

"މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ މަސައްކަތް ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.