Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

ސަންދޯކާ ދިމާއަށް ދާން އުޅުމުން ހައްޔަރަށް

ވެސްޓްމިންސްޓާގައި އާންމުންނަށް ދައްކައިލުމަށްޓަކައި އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ސަންދޯއް ބަހައްޓާފައި ވަނިކޮށް އެ ބަލަން ވަން މީހަކު އެއާ ދިމާއަށް ދާން މަސައްކަތްކޮށް، "ހައިޖާނުގަނޑެއް" އުފައްދަން އުޅުމުން ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގީ ރޭ 10:00 އެހާކަށްހާ އިރު އެވެ.

މިކަމާ ބެހޭ ގޮތުން ސްކޮޓްލޭންޑް ޔާޑުން ނެރުނު ބަޔާނެއްގައި ބުނީ ރާނީގެ ސަންދޯކާ ދިމާއަށް ދާން އުޅުނު ފިރިހެން މީހާ، ވެސްޓްމިންސްޓާގެ ޑިޕްލޮމެޓިކް ކޮމާންޑާއި މެޓްރޮޮޕޮލިޓަން ފުލުހުން ގުޅިގެން ހައްޔަރުކޮށް، އޭނާ، މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މީހާއާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހާމައެއްނުކުރެ އެވެ.

މިކަމާ ބެހޭ ގޮތުން ވެސްޓްމިސްޓާނެ ތަރުޖަމާނު ވިދާޅުވީ ރާނީގެ ސަންދޯއް ބަހައްޓާފައި ހުރި ތަނަށް ވަންނަން މަސައްކަތްކުރި މީހާ އަކީ ސަންދޯއް ދެކިލަން ވަންނަ ކިއޫގައި ހުރި މީހެއް ކަމަށެވެ. އަދި އޭނަ ވަގުތުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާނީގެ ސަންދޯއް ވެސްޓްމިސްޓާގައި ބަހައްޓާފައި އިން އިރު، ސަންދޯއް ހުރި ދިމާ އޮތީ ވަށައިގެން ބަންދުކޮށްފަ އެވެ. ސަންދޯއް މަތީގައި ދިދައެއް އަޅައި އޭގެ މަތީގައި ރާނީގެ ތާޖާއި މާ ބޮނޑީއެއް ވެސް ބާއްވާފައި އޮތް އިރު، އެ ގާޑްކޮށްގެން 24 ގަޑިއިރު އެކަމަށް ހާއްސަ އޮފިޝަލުން ތިބެ އެވެ. ވެސްޓްމިންސްޓާ ސަންދޯން ގެންދިޔަ ފަހުން އެ ބަލާލަން ވަންނަން ހެދި ކިއު ވަރަށް ބާރު ބޮޑެވެ.

ރާނީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ.

އިނގިރޭސީވިލާތުގެ ރަނިކަން 70 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ކުރެއްވި ރާނީ އެލިަބަރު ދޭއް އުމުރުން 96 އަހަރުގައި އަވަހާރަވީ މި މަހުގެ 8 ގަ އެވެ. މިހާރު ތަހުތާ ހަވާލުވެވަޑައިގެންފައީ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ތިނެކެވެ.