Last Updated: October 4, 22:10
Thursday, October 5, 2023
ކުޅިވަރު

ފަސޭހަ މޮޅަކާ އެކު ސިޓީ އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް 3-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

ލީގުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ހަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ލީގުގައި މާދަމާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އާސެނަލް އަށް އަލުން ލިބޭނެ އެވެ. މިއަދުގެ މެޗުން ބަލިވި ވުލްވްސް އޮތީ ހަތް މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ޖެކް ގްރީލިޝް ވަނީ ސިޓީ އަށް ނަގާދީފަ އެވެ. މި ގޯލް ގްރީލިޝް ކާމިޔާބު ކުރީ ކެވިން ޑި ބްރޭނާ ވުލްވްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ތިރިން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ 16 ވަނަ މިނެޓްގައި ސިޓީގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު އޭނާ މި ގޯލް ކާމިޔާބުކުރީ ވުލްވްސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މި ސީޒަނުގައި ހާލަންޑް ކާމިޔާބުކުރި 14 ވަނަ ގޯލެވެ.

ވުލްވްސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފްގައި އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 33 ވަނަ މިނެޓްގައި އެޓީމުގެ ނޭތަން ކޮލިންސް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރަން ޖެހުމުންނެވެ. ކޮލިންސް އަށް ރަތްކާޑު ދެއްކީ ގްރީލިޝް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ވުލްވްސް އަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ސިޓީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި ފިލް ފޮޑެން ވަނީ ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެ މެޗު ކުޅޭނީ އިންޓަނޭޝަނަލް ބްރޭކަށްފަހު އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.