Last Updated: March 19, 14:12
Tuesday, March 19, 2024
ދުނިޔެ

ސަންދޯކާ ދިމާއަށް ދާން އުޅުނު މީހާ އަށް ދައުވާ!

ވެސްޓްމިންސްޓާގައި އާންމުންނަށް ދައްކައިލަން އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ސަންދޯން ބަހައްޓާފައި ވަނިކޮށް އިއްޔެ ރޭ، އެތަނަށް ވަން މީހަކު ސަންދޯއް ހުރި ދިމާއަށް ގޮސް "ހާޖާނުގަނޑެއް" އުފައްދަން މަސައްކަތްކުރި މައްސަލާގައި އޭނަގެ މައްޗަށް ދައުވާކޮށްފި އެވެ.

ދައުވާކޮށްފައި ވަނީ އީސްޓް ލަންޑަނަށް ނިސްބަތްވާ މުހައްމަދު ޚާން، 28، ގެ އަށެވެ. އޭނަގެ މައްޗަށް އުފުލާފައިވާ އާންމު މަސްލަހަތު ނަގާލަން އުޅުމުގެ ދައުވާގެ ފުރަތަމަ އަޑު އެހުން މާދަމާ އަށް ވެސްޓްމިސްޓާ މެޖިސްޓްރޭޓް ކޯޓްގައި ބާއްވަން ވެސް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މުހައްމަދުގެ މައްޗަށް ދައުވާކުރީ ޕަބްލިކް އޯޑަ އެކްޓްގެ ދަށުންނެވެ.

ރާނީ ސަންދޯއް ދެކިލަން ވަދެ، ކިއޫއިން ބޭރުވެ، އޭނާ، ރާނީގެ ސަންދޯކާ ދިމާއަށް ދާން މަސައްކަތްކުރުމާ އެކީ ވެސްޓްމިންސްޓާގެ ޑިޕްލޮމެޓިކް ކޮމާންޑާއި މެޓްރޮޮޕޮލިޓަން ފުލުހުން ގުޅިގެން މުހައްމަދު ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ހުކުރު ދުވަހުގެ ރޭ 10:00 އެހާކަށްހާ އިރު މި ހާދިސާ ހިނގި އިރު، ސަންދޯއް ގާޑްކޮށްގެން 24 ގަޑިއިރު އެކަމަށް ހާއްސަ އޮފިޝަލުން ތިބެ އެވެ. ވެސްޓްމިންސްޓާ ސަންދޯން ގެންދިޔަ ފަހުން އެ ބަލާލަން ވަންނަން ހެދި ކިއު ވަރަށް ބާރު ބޮޑެވެ. ރާނީގެ ޖަނާޒާ މާދަމާ ބޭއްވުމާ ހަމައަށް ސަންދޯއް ބަލާލަން އާންމުން ވެސްޓްމިންސްޓާ އަށް ވައްދާނެ އެވެ.

މެޓްރޮޕޮލިޓަން ފުލުހުން ބުނި ގޮތުގައި ރާނީގެ ސަންދޯކާ ދިމާއަށް ދާން މަސައްކަތްކުރި މުހައްމަދަށް ދައުވާކުރި އިރު، ވެސްޓްމިންސްޓާ ވަންނަން އޮތް ކިއޫގެ ތެރެއަށް މިދިޔަ ބުދަ ދުވަހު ގަދަކަމުން ވަދެ ގަނެ، މީހުން ކޮއްޕައި ހެދި 19 އަހަރުގެ މީހަކަށް ވެސް ދައުވާކޮށްފައިވެ އެވެ. އެޑިއޯ އެޑެޝީން ކިޔާ މީހާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން އަންނަ މަހުގެ 14 އަށް ސައުތުވާކް ކްރައުން ކޯޓްގައި ތާވަލުކޮށްފައިވެ އެވެ.

އިނގިރޭސީވިލާތުގެ ރަނިކަން 70 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ކުރެއްވި ރާނީ އެލިަބަރު ދޭއް އުމުރުން 96 އަހަރުގައި އަވަހާރަވީ މި މަހުގެ 8 ގަ އެވެ. މިހާރު ތަހުތާ ހަވާލުވެވަޑައިގެންފައީ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ތިނެކެވެ.